އެމްޑީއެންގެ ރިޕޯޓު ނެރުނީ ޖަމިއްޔާގެ ރައީސްކަމުގައި ހުއްޓާކަމެއް ހަނދާނެއް ނެތް: ޕީޖީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުރި ކަމެއް ހަނދާނެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އަދި އެ ރިޕޯޓުގެ އެއްވެސް ކަމެއްގައި އަމަލީގޮތުން ބައިވެރިވެފައިވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާގެ ރައީސަކަށް ހުންނެވީ ޕީޖީ ޝަމީމް ކަމަށް، އެމްޑީއެންގެ އިސްފަރާތެއް ކަމަށްވާ ޝަހިންދާ އިސްމާއިލް ވަނީ ދާދި ފަހުން ބުނެފަ އެވެ.

ޕީޖީގެ ޝަމީމްގެ ކުރީގެ އަނބިކަބަލުން ޝަހިންދާ ޓުވީޓާގައި ހާމަކޮށްފައިވާ އެ ވާހަކަތާ ގުޅިގެން، މިރޭ ދިވެހިިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމަށް އެހުންތެރިއަކު ފޮނުވި ސުވާލަަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، އެ ރިޕޯޓު ނެރުނީ އޭނާ މާލެއިން ބޭރުގައި ހުއްޓާ ކަމަށާއި އޭރު ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުރި ހަނދާނެއްް ނެތް ކަމަށެވެ.

"އަޅުގަނޑު ޖެހޭނީ އެކަން ބަލާލަން. އަޅުގަނޑު ހަދާނެއް ނުވޭ އަޅުގަނޑު [އެމްޑީއެންގެ] ރައީސްކަމުގައި ހުއްޓާ އެކަހަލަ ރިޕޯޓެއް ނެރުނު ހަނދާނެއް. ރިޕޯޓު ނެރުނަސް ވެސް، އަޅުގަނޑު ހުރީ ރިޕޯޓު ނެރުނު ދުވަސްވަރު މާލެއަކުވެސް ނޫން،" ރިޕޯޓު ނެރުނު އިރު އެމްޑީއެންގެ ރައީސްކަމުގައި ހުންނެވިންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި އެހެންވީމަ އަމަލީ ގޮތުން އަނެއްހެން އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ. އެ ރިޕޯޓު ޕަބްލިޝް ކުރުމުގައި އާއި ހުރި އެއްޗެހި ބަލާ ކޮމެންޓްކޮށް ނުވަތަ ރިޕޯޓު ނެރުމުގެ ހުއްދަދީ[އެފަދަ ކަމެއް ކޮށްފައި ނުވާނެ]،"

ޝަމީމް ވިދާޅުވީ، އެމްޑީއެންގެ ބޯޑަކީވެސް ޖަމިއްޔާއިން ނެެރޭ ރިޕޯޓުތައް ނެރުމުގައި ހުއްދަ ދޭން އޮންނަ ބޯޑެއް ވެސް ނޫން ކަމަށާއި ބޯޑުން ކަނޑައަޅާނީ ހަމައެކަނި ސިޔާސަތުތައް ކަމަށެވެ. ދެން ހިންގުމާ ހަވާލުވެ ހުންނަވާނީ އެގްޒެކެޓިވް ޑައިރެކްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އެހެން ޖަމިއްޔާތައް ވެސް ހިނގާގޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ބޯޑުގެ ޖަލްސާތަކަކީވެސް އަހަރަކު ދެ ޖަލްސާ، ތިން ޖަލްސާ ބާއްވާ ބޯޑެއް... އަޅުގަނޑު ހަނދާނެއް ނުވޭ އަޅުގަނޑު ރައީސްކަމުގައި ހުންނެވި އިރު، އެ ރިޕޯޓު ނެރުނު ކަމެއް ޔަގީންކަމާއެކު ދަންނަވާކަށް ނޭނގެ. ނެރުނަސް ވެސް، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނޯންނާނެ،" ޝަމީމް އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޝަމީމް އެގޮތަށް ވިދާޅުވުމުން އެ ރިޕޯޓު ނެރުނުކަން އެނގިވަޑައިގަތީ ކޮންއިރަކުތޯ ޕްރެޒެންޓަރު ސުވާލު ކުރި އެވެ. އެ ސުވާލުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ، އެ ރިޕޯޓު ހަދާކަން އެނގޭ ކަމަށާއި އޭގެ ތިން ރިޕޯޓެއް ނެރުނު ކަމަށެވެ. އަދި ފަހުން ސަރުކާރުން މައްސަލަ ބެލި ރިޕޯޓަކީ އޭނާ މާގާމުގައި ހުރިއިރު ނެރުނު ރިޕޯޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާނަމަ، ސަރުކާރުން މައްސަލަ ބެލި ރިޕޯޓަކީ ޖަމިއްޔާއިން ފަހުން ނެރުނު ރިޕޯޓު، ފަހުން ނެރުނު ރިޕޯޓުގައި އަޅުގަނޑު ޖަމިއްޔާގެ އެވެސް ކަހަލަ މަސްއޫލު މަގާމެއްގައިވެސް އަދި އެހެން ގޮތަކުންވެސް މަސައްކަތް ނުކުރަން،" ޝަމީމް ވިދާޅުވި އެވެ.

އެމްޑީއެންގެ ރައިސްކަން ކުރެއްވީ ކޮން މުއްދަތަކަށްތޯވެސް އެހުންތެރިއަކު ސުވާލު ފޮނުވި އެވެ. އެ ސުވާލުގެ ޖަވާބުގައިވެސް ޝަމީމް ވިދާޅުވީ، "ހަނދާނެއް ނެތް" ކަމަށެވެ.

"އެމްޑީއެންގެ ރައީސްގެ މަގާމުގައި މަދު ދުވަސްކޮޅަކު ހުރި ހަނދާނެއްވޭ. އޭގެ ތަފްސީލުތައް އަޅުގަނޑު ހަނދާނެއް ނުހުރޭ ވަރަށް ބައިވަރު ޖަމިއްޔާތަކާއެކު މަސައްކަތްކޮށްފައި ހުރީމައި،"ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ވަރަށް ގިނަަ ޖަމިއްޔާތަކުގެ އެކި މަގާމުތައް ފުރުއްވާފައިވާނެ ކަމަށާއި އެހެން ނަމަވެސް މަގާމުތައްފުރުއްވި ނަމަވެސް އަމަލީ ގޮތުން ޖަމިއްޔާތައް ހިންގުމުގައި ބައިވެރި ނުވާ ކަމަށެވެ. އަދި 2014 އިން ފެށިގެން އެއްވެސް ޖަމިއްޔާއެއްގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

"2014އިން ފެށިގެން އަޅުގަނޑު ހަދާންވާ ގޮތުން އެއްވެސް ޖަމިއްޔާއެއްގައި އަމަލިގޮތުން މަސައްކަތްކޮށްފައި ނުހުންނާނެ. އެއްވެސް އިރެއްގައި އެއްވެސް ޖަމިއްޔާއެއްގެ ހިންގުމުގައި މަސައްކަތް ކޮށްފައި ނުހުންނާނެ... އެއްވެސް ޖަމިއްޔާއެއްގެ މަގާމެއްގައި ހުއްޓަސް އަމަލީ ގޮތުން ހިންގުމުގެ ދާއިރާގައި ފާޑުކިޔައި، ގޮތް ކިޔައި، ނުހުންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ޖަމިއްޔާތަކާއެކު ކޮށްފައި ވަނީ ހިލޭ ސާބަހަށް ފަންނީ ލަފާ ދިނުމާއި ތަމްރީން ދިނުން ފަދަ މަސައްކަތް ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

އެމްޑީއެންއާ މެދު ދައުވާ ކުރާނަންތޯ ސުވާލުކުރުމުން ޝަމީމް ވިދާޅުވީ، އެމްޑީއެން މައްސަލައިގައި ފުލުހުން ތަހުގީގު ނިންމާ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީވެ، އެމްޑީއެން އުވާލުމަށް ގޮވާލި އެވެ.

އެ މައްސަލައިގައި ފުލުހުން ތަހުގީގުން ނިންމީ އެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ފިޔަވަޅު އެޅުމަށް ޔޫތް މިނިސްޓްރީއަށް ފޮނުވުމުން އެ މިނިސްޓްރީން ވަނީ އެ ޖަމިއްޔާ އުވާލައިފަ އެވެ.

comment ކޮމެންޓް