ފިޗް ރޭޓިން ދަށްކުރުމުން އެމްޑީޕީ މެންބަރުން ކޯޅުމެއްގައި

މަރަދޫ ދާއިރާގެ މެންބަރު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް އިން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބަހުގެ ހަމަލާތައް ރައްދު ކުރައްވަން ފައްޓަވައިފި އެވެ.

ފިޗް ރޭޓިން ދަށްކުރި މައްސަލައިގައި އެމްޑީޕީ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ފެށުނީ، ފިޗް ރޭޓިން ދަށްކުރީ ދަރަނިތަކާ ގުޅޭ މައްސަލައިގައި މަޖިލީހުގައި ބަހުސްކޮށް އެކަމާ ގުޅިގެން ދާދި ފަހުން މަޖިލީހުން ފާސްކުރި ރިޕޯޓަކާ ގުޅިގެން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ. ޝަރީފް ވަނީ މަޖިލީހުން ކަންކަން ފާސްކުރުމުގެ ކުރިން އެކަމުގެ ނަތީޖާއާ މެދުވެސް ވިސްނުމަށް ގޮވާލައްވައިފަ އެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވާ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ފިޗުން ރޭޓިން ދެނީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ބަލާފައި ނޫން ކަމަށެވެ. ނަމަވެސް އެއީ އެ ގައުމެއްގެ މާލީ ހިސާބުތައް ބެލުމަށްފަހު ކުރާ ކަމެއް ކަމަށް ވިދާޅުވެ އާޒިމް ޝަރީފަށް ރައްދު ދެއްވި އެވެ.

އެ ބަހުސްގެތެރެއަށް ރައީސް ނަޝީދުގެ އަން އޮފިޝަލް އެކައުންޓް "އެލެކްސް އަހުމަދު" ވެސް ވަންނަވާ ވިދާޅުވީ، ފިޗުން މިފަހަރު ދިން ރޭޓިންނަށް ވުރެ ދަށް ރޭޓިންއެއް ނުދީ ސަލާމަތްވީ ވެސް މަޖިލީހުން ޓްރޭންސްޕޭރަންސީއަށް ކުރެވުނު މަސައްކަތުގެ ނަތީޖާގެ ސަބަބުން ކަމަށެވެ. އަދި ރޭޓިން ދަށްކުރި ސަބަބު ފިޗްގެ ރިޕޯޓުގައި އޮންނާނެ ކަމަށް ވެސް ޝަރީފަށް ރައްދު ދެއްވައި އެ އެކައުންޓުން ކުރި ޓްވީޓްގައިވެ އެވެ.

މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ޖުމްލަ ދަރަނި 172 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެހެން ކަމުން ދަރަނިތައް ރީސްޓްރަކްޗާ ކުރަން މަޖިލީހާއި ފިނޭންސުގެ ބޭފުޅުން އަދި އެކްސްޕާޓުން އެކުލެވޭ ގޮތަށް ކޮމިޓީއެއް ހެދުމަށް ވެސް ރިޕޯޓްގައި ލަފާދީފައިވެ އެވެ. މީގެ އިތުރުން، ދަރަނިތަކުގެ ސްޓޭޓަސް ގަވައިދުން މަޖިލީހުން ބަލަމުން ދިޔުމަށް ވެސް މުޅި މަޖިލީހުން އެކުލަވާލައި ތަޅުމުން ފާސްކުރި އެ ރިޕޯޓްގައިވެ އެވެ.

ފިޗުގެެ ކްރެޑިޓް ރޭންކިން ބީ މައިނަސް އަކުން ސީސީސީ އަކަށް ދަށްކުރީ ރާއްޖޭގެ ދަރަނި އިތުރުވެ ޑީޕޯލްޓަކަށް ގޮސްފާނެކަމަށް ލަފާކޮށްފަ އެވެ. ބޭރު ފައިސާ ލިބުންދަތިވެ ލޯނު ދެއްކުމަށް ސަރުކާރަށް ދަތިވެފައިވާ ކަމަށް ފިޗުން ބުނެފައިވެ އެވެ. ނަމަވެސް ފިނޭންސް އިން ބުނެފައިވަނީ ދަރަނި މެނޭޖު ކުރެވޭނެ ކަމަށާއި ފިޗުގެ ވާހަކަތައް ގަބޫލު ނުކުރާ ކަމަށެވެ.

ފިޗުން ގައުމުތަކަށް ކްރެޑިޓް ރޭންކިން ދެނީ އެގައުމުތަކަށް ލިބޭ އާމްދަނީ އާއި ދަރަނީގެ ނިސްބަތް އަދި ދަރަނި އަދާކުރުމުގެ ނިސްބަތަށް ބަލައިފަ އެވެ. އެފަދަ މައުލޫމާތު ފިޗުން ހޯދަނީ ކަމާބެހޭ އިދާރާތަކުންނާއި އިދާރާތަކުން އާންމުކޮށްފައި ހުންނަ ތަފާސް ހިސާބުތަކުންނެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކޮށް، ނެރުނު ބަޔާނާ ދެކޮޅަށް ފިނޭންސް އިން ބަޔާނެއް ނެރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދު ވަނީ ފިޗުން ބުނާ ވާހަކަވެސް އަޑުއަހަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަރަނި މެނޭޖު ކުރެވޭނެ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރެވިއްޖެ ނަމަ ދަރަނި އަދާ ނުކުރެވޭ ހާލަތަށް ރާއްޖެ ނުދާނެ ކަމަށެވެ.

ފިޗް ރޭޓިންގްސް އިން އެންމެ ފުރަތަމަ ރާއްޖެ އަށް ކްރެޑިޓް ރޭންކިން އެއް ދިނީ 2016 ވަނަ އަހަރު އެވެ. ފިޗަކީ ދުނިޔޭގެ އެންމެ ޓްރާންސްޕޭރެންޓް ރޭޓިން އެޖެންސީ އެވެ.

comment ކޮމެންޓް