އެމެރިކާގެ ރިޔާސީ އިންތިހާބުތަކުގައި ބަލި ގަބޫލު ކުރުމަކީ ސަގާފަތެއް

އަބްރަހަމް ލިންކަން އާއި ސްޓީވަން ޑޮގްލަސް (1860 ވަނައަހަރު)

އެމެރިކާގެ ރިޔާސީ އިންތިހާބުތަކުގައި ބަލިވާ ކެންޑިޑޭޓު ބަލި ގަބޫލުކުރުމަކީ ތާރީހީ ކަމެކެވެ. އެ ގައުމުގެ ޑިމޮކްރަސީގެ ސަގާފަތެކެވެ. ރިޔާސި އިންތިހާބުގައި ބަލިވާ ކެންޑިޑޭޓު އެ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓާ ގުޅުއްވައި ބަލި ގަބޫލު ކުރިކަމަށް އަމިއްލައަށް އިއުތިރާފުވެ ކާމިޔާބުކުރި ކެންޑިޑޭޓަށް މަރުހަބާ ކިޔުމަކީ މީގެ 150 ވަރަކަށް އަހަރުން ފެށިގެން އެމެރިކާގައި ހިފަހަައްޓަމުން އަންނަ އުސޫލެކެވެ.

ބަލި ގަބޫލުކުރުމުގެ ސަގާފަތް އެމެެރިކާގައި ފެށިގެންދިޔައީ 1860 ވަނައަހަރު

ބަލިވާ ކެންޑިޑޭޓު ބަލި ގަބޫލުކުރުމުގެ ސަގާފަތް އެމެރިކާގައި ފެށުނީ 1860 ވަނަ އަހަރު ރައީސް އަބްރަހަމް ލިންކަން އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ އިންތިހާބުގައި ނާކާމިޔާބުވި އޭނާގެ ވާދަވެރިޔާ ސްޓީވަން ޑޮގްލަސް، އަބްރަހަމް ލިންކަން އަށް މަރުހަބާ ދަންނަވައި ބަލި ގަބޫލުކުރެއްވި ކަމާއި އިންތިހާބު ކާމިޔާބު ކުރެއްވީތީ ލިންކަންއަށް ތަހުނިޔާ ދެންނެވިކަމަށް ވިދާޅުވި ތާރީހީ ހާދިސާއިންނެވެ. އެއަށްފަހު އެމެރިކާގެ ރިޔާސީ އިންތިހާބުތަކުގައި މިކަންވަނީ އާދައަކަށްވެފަ އެވެ. އަދި އެމެރިކާގެ ޑިމޮކްރަސީގެ ތާރީހާ ވެސް މިކަން ވަނީ މިހާރު ގުޅިގެން ގޮސްފަ އެވެ. މިކަމުގެ ސަބަބުން އިންތިހާބުގެ ސައްހަކަމާއި އޭގެ ޝަރުއިއްޔަތަށް ރައްޔިތުންގެ އިތުބާރު ލިބެ އެވެ.

2000 ވަނައަަހަރު ބަލި ގަބޫލުކުރުމުގެ ތަފާތު ހާލަތެއް ފެނިގެން ދިޔަ

ފަހުގެ ތާރީހުތަކަށް ބަލާއިރު ބަލި ގަބޫލުކުރުމުގެ ތަފާތު ހާލަތެއް ފެނިގެންދިޔައީ 2000 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ސްޕްރީމް ކޯޓުން ނިންމި ނިންމުމެއްގެ ދަށުން ޑިމޮކްރެޓިކް ކެންޑިޑޭޓް އަލްބަޓް އަލްގޯ ބަލިވުމުން ބަލި ގަބޫލުކުރައްވައި އަލްގޯ އެމެރިކާގެ ރައްޔިތުންނަށް ދެއްވި ތާރީހީ އަދި އަސަރުގަދަ ހިތާބުންނެވެ.

ޖޯޖް ޑަބްލިޔު ބުޝްއާއި އަލްބަޓް އަލްގޯ (2000) ވަނަ އަހަރު

ބުޝްއާއި އަލްގޯ ވާދަކުރެއްވި 2000 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ. އެ އިންތިހާބުގެ ނަތީޖާ ކޮޅެއްގައި ނުޖެހި މުއްދަތު ދިގުވެ ނޮވެމްބަރު 7 ވަނަދުވަހު ވެސް އިންތިހާބު ކާމިޔާކުރި ބޭފުޅަކު ކަށަވަރު ނުވެ ހަބަރުފަތުރާ ވަސީލަތްތަކުންވެސް އެކިފަހަރު އެކި ގޮތަށް ބުނަން ފެށުމުން ލަފާކުރެވިފައި އޮތީ ފްލޮރިޑާގެ ވޯޓު 600 ވޯޓުގެ ތަފާތަކުން ކާމިޔާބުކުރެއްވީ ބުޝްކަމަށެވެ. މިއާއެކު އަލްގޯ ބުޝް އާ ގުޅުއްވައި ބަލި ގަބޫލުކުރައްވައި ބުޝްއަށް މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވި އެވެ.

ނަމަވެސް ނޮވެމްބަރު 8 ވަނަ ދުވަހުގެ ފަތިހު 3:00ގައި ފްލޮރިޑާގެ ވޯޓުގެ ލީޑު ހުރިގޮތުން ދެބޭފުޅުންގެ މެދުގައިވާ ފަރަގު 600 ވޯޓަށް ކުޑަވުުމުން ފްލޮރިޑާ ކާމިޔާބު ކުރެވޭނެކަމަށް ލަފާކުރައްވައި އަލްގޯވަނީ ބުޝްއާ ގުޅުއްވައި ބަލި ގަބޫލުކުރެއްވި ކުރެއްވުން އަނބުރައި ގެންދަވާފަ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާނީ އޭނާކަމަށް ވިދާޅުވެ ބަޔާނެއްވެސް ދެއްވި އެވެ.

އިންތިހާބު ކާމިޔާބުކުރި ފަރާތް ސްޕްރީމް ކޯޓު މެދުވެރިކޮށް ނިންމުން

މިހިސާބުން މައްސަލަ ދިޔައީ ފްލޮރިޑާގެ ކޯޓަށެވެ. އެކޯޓުން ނިންމީ ފްލޮރިޑާގެ ބައެއް ސަރަހައްދުތަކުގެ ވޯޓު އަލުން ގުނުމަށެވެ. މެނުއަލްކޮށް އަތުން ގުނުމަށެވެ. ނަމަވެސް މިކަން ގަބޫލު ނުކުރައްވައި ބުޝް މައްސަލަ ހުށަހެޅުއްވީ އެމެރިކާގެ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންވެސް ނިންމެވީ ފްލޮރިޑާގެ ވޯޓު އަތުން އަލުން ގުނުމަށެވެ. އޭރު މުޅި އެމެރިކާ އޮތީ އިންތިހާބީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާއެކު ވޯޓު އަލުން ގުނުމުން ނަތީޖާއަކަށްވީ ފްލޮރިޑާ ބުޝްއަށް ކާމިޔާބު ކުރެވޭގޮތް ވުމެވެ. މިއާއެކު ފްލޮރިޑާއަށް ލިބިފައިވާ އިލެކްޓޯރަލް ވޯޓުގެ 25 ވޯޓުވެސް ބުޝްއަށް ލިބުނެވެ. އެހެންކަމުން ރައްޔިތުންގެ ވޯޓުން ކުރީގައި އަލްގޯ އުޅުއްވި ނަމަވެސް އިލެކްޓޯރަލް ވޯޓުން ކުރިލިބިގެން އިންތިހާބު ކާމިޔާބު ކުރެއްވީ ބުޝް އެވެ. އެމެރިކާގެ އިންތިހާބު ކާމިޔާބުކުރި ފަރާތް ސުޕްރީމް ކޯޓު މެދުވެރިވެގެން އެފަހަރު ނިންމަންޖެހުމުން ބޮޑެތި ހިންހަމަނުޖެހުންތަކެއް ކުރިމަތިވި އެވެ.

މިއާއެކުވެސް އެއަހަރުގެ ޑިސެމްބަރު 13 ވަނަދުވަހު އަލްގޯ ވަނީ އިންތިހާބުގައި އޭނާ ބަލިވިކަމާއި އެކަން ގަބޫލު ކުރައްވާކަމަށް ވިދާޅުވެ ތާރީހީ ހިތާބެއް ޓީވީ މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންނަށް ދެއްވާފަ އެވެ. މި ހިތާބުގައި، އިންތިހާބުގެ ނަތީޖާ ނިންމީ ރައްޔިތުންގެ ބަދަލުގައި އެމެރިކާގެ ސުޕްރީމް ކޯޓުންކަމަށް އަލްގޯ ވިދާޅުވެ އެކަން ފާހަގަވެސް ކުރެއްވި އެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމްކޮށް ބަލި ގަބޫލުކުރައްވާކަމާއި ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އިންތިހާބު ކާމިޔާބު ކުރެއްވީ ބުޝް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ބުޝްއަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށްވެސް އަލްގޯ ވިދާޅުވި އެވެ. އެހެންކަމުން އެމެރިކާގެ ރިޔާސީ އިންތިހާބުތަކުގައި ބަލިވާ ކެންޑިޑޭޓު ބަލި ގަބޫލުކުރުމުގައި ބުޝް އާއި އަލްގޯ ވާދަކުރެއްވި 2000 ވަނައަހަރުގެ ރިޔާސީ އިންތިހާބުގެ ހާދިސާ ވެގެން ގޮސްފައި ވަނީ ތާރީހީ ކަމަކަށެވެ.

ބަލި ގަބޫލުކުރަން ކުޑަކޮށް ފަސްޖެހުމުގެ ހާދިސާއެއް 2008 ވަނައަހަރު ފެނިގެން ދިޔަ

އެއަށްފަހު ބަލި ގަބޫލުކުރުމުގައި ދިމާވި އަނެއް ހާދިސާއަކީ 2008 ވަނައަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެރިޒޯނާގެ ވޯޓު ޑިމޮކްރެޓިކް ކެންޑިޑޭޓް (ކަޅުނަސްލުގެ) ބަރަކް އޮބާމާއަށް ލިބުމާއެކު އޮބާމާއަށް ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމުން އޮބާމާއަކީ ކަޅު ނަސްލުގެ ބޭފުޅަކަށްވާތީ އޮބާމާގެ ވާދަވެރިޔާ ރިޕަބްލިކަން ކެންޑިޑޭޓް ހަރުކަށި ދޮންމީހުންގެ ފިކުރުގެ ޖޯން މެކޭން އާއި އޭނާގެ ދޮން ސަޕޯޓަރުންނަށް އެކަން ގަބޫލުކުރަން ދަތިވި މައްސަލަ އެވެ.

ބަރަކް ހުސައިން އޮބާމާ އާއި ޖޯން މެކޭން (2008) ވަނައަހަރު

ދެހާސްއަށް ވަނައަހަރު އަވަހާރަވެފައިވާ މެކޭން އަކީ ވަރަށް ހަރުކަށި ބޭފުޅެކެވެ. ހަރުކަށި ނަސާރާއިންގެ އިންޖީލީ ފިކުރުގެ ބޭފުޅެކެވެ. ނިއު ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެކެވެ. ޔަހޫދީ ޒަޔަނިސްޓު ފިކުރުގައި ހައްދު ފަހަނަޅާފައިވާ ބޭފުޅެކެވެ. މެކޭންގެ ސަޕޯޓަރުންގެ ތެރޭގައި ގިނައީ ކަޅު މީހުންނަށް ނަފްރަތުކުރާ ދޮންމީހުންނެވެ.

ނުރަސްމީ ނަތީޖާއިން އޮބާމާ ކާމިޔާބު ކުރެއްވިކަން އެނގުމަށްފަހު ވެސް ދޮން ސަޕޯޓަރުންގެ ޕްރެޝަރާއެކު ބަލި ގަބޫލުކުރަން ފަސްޖެހިވަޑައިގެން އޮބާމާއަށް ތަހުނިޔާ ވިދާޅުނުވެ އެތަށް ގަޑީއިރަކު މެކޭން ހަނު ހުންނެވި އެވެ. ނަމަވެސް އެންމެފަހުން އެމެރިކާ ހަމަނުޖެހުން ތަކެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރަށް މެކޭންވަނީ އޮބާމާއާ ފޯނުން ގުޅުއްވައި ބަލި ގަބޫލުކުރެއްވިކަމަށް ވިދާޅުވެ އޮބާމާއަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ފަހުން ދެއްވި ޓީވީ ބަޔާންތަކުގައި ވެސް މެކޭންވަނީ ބަލި ގަބޫލުކުރެއްވީ އެމެރިކާގެ ގައުމީ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވީ އޮބާމާ ކަމަށްވާތީ އޭނާއަށް ތަހުނިޔާ ކިޔުމަކީ ހިތްދަތި ކަމެއްކަމަށް ވިޔަސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފަހުން އަސަރާއެކު މެކޭން ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް