އަންނަ މަހު ރިލީޒްކުރާނެކަމަށް ބުނި "83" އަންނަ އަހަރަށް ފަސްކޮށްފި

ފިލްމް "83"ގެ މަންޒަރެއް--

ކައިވެނީގެ ފަހުން ބޮލީވުޑްގެ ކާމިޔާބު ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމު "83" އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މި އަހަރު އޭޕްރިލް މަހުއެވެ. ނަމަވެސް އޭރު ކޮވިޑް ޕެންޑަމިކް އާއި ގުޅިގެން ސިނަމާތަށް ބަންދުކުރުމާ ގުޅިގެން މި ފިލްމު ދެން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ ފަހުކޮޅުގައެވެ.

ފިލްމުގެ ޓީމުން ބުނީ މި ފިލްމު އަންނަ މަހު ރިލީޒްނުކުރެވެނީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ބޭނުންވާ ގޮތަށް ނުކުރެވޭތީ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު މެދެއްހާ ތެރޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ ކަމަށެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ. ދެތަރިންގެ އިތުރުން "83"ގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިންއެވެ.

comment ކޮމެންޓް