ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަން އަންގާފައެއް ނެތް: މިނިސްޓްރީ

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަން އަންގާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން އެގޮތަށް ބުނީ، ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް މީޑިއާތަކުގެ ފެތުރޭރީ އެ ވާހަކަތައް ދެކެވޭ ދަނޑިވަޅެއްގައެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ، ދިވެހި ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ލަންކާއަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން މިދިޔަ މަހު 27 ވަނަ ދުވަހު އެ ގައުމުން ދީފައިވާ ކަމަށެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައެއް ނުވޭ" މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލަންކާގެ އާ ސަރުކާރު މިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ތަންފީޒުކުރަން ފެށި އާ ސިޔާސަތުގެ ދަށުން ސްރީލަންކާގައި ހެއްދޭ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެގައުމުގެ މަސްވެރިންނަށް ބޭނޭ މަހުގެ ބާވަތްތައް، އެހެން ގައުމަކުން އެގައުމަށް އިމްޕޯޓުކުރުން ވަނީ މަނާކޮށްފައެވެ. އެކަން ތަންފީޒުކުރަން ފެށީ މި އަހަރުގެ ތެެރޭގައެވެ. ނަމަވެސް އެ ނިންމުމުގައި ރާއްޖެ އިސްތިސްނާ ވާނެކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަން މީގެ ކުރިންވެސް ފޮރިން މިނިސްޓްރީން ވަނި ބުނެފައެވެ.

https://sun.mv/144362

comment ކޮމެންޓް