ރާއްޖޭގައި އާންމުކޮށް ނުކުރާ އޮޕަރޭޝަނެއް ށ. އަތޮޅު ހޮސްޕިޓަލުގައި ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ރޭގައި ކުރިއަށްދިޔަ އޮޕަރޭޝަންގެ ތެރެއިން --- ފޮޓޯ : ށ. އަތޮޅު ހޮސްޕިޓަލު

ރާއްޖޭގައި ވަރަށް މަދުން ނޫނީ ކޮށްފައި ނުވާ ކަރުން މަތީގެ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް ށ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

ށ. އަތޮޅުގެ ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ވަނީ ދާދި ފަހުން، ރާއްޖޭގައި މަދުން ނޫނީ ނުކުރާ ކަހަލަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު މިއަދު "ސަން" އަށް ވިދާޅުވީ ރޭގައި އެ ހޮސްޕިޓަލުގައި ވަނީ ކަރުގައި އިންނަ ކުޅު އުފައްދާ ގްލޭންޑެއް ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ކޮށްފައި ކަމަށެވެެ.

"ރޭގައި ވަނީ ސަބް މެންޑިބިއުލާ ސަޔޯލޯއެންޑެކްޓޮމީ ސާޖަރީއެއް ހަދާފައި. އެ ސާޖަރީ ވަނީ ރޭގެ 2000 ހާއިރު ކާމިޔާބު ކަމާއެކު ނިންމާލެވިފައި،" ޒުމްރަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސާޖަރީ ހަދާފައިވާ ޓީމުގައި އަށް ފަރާތެއް ހިމެނޭ ކަމަށެވެ. އެ ޓީމުގައި އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން ހަރާތްތެރިވިއިރު އިސްކޮށް ހުންނެވި ޑޮކްޓަރަކީ އަސްލަމް އަހުމަދު ޒަކަރިއްޔާ އެވެ. އަސްލަމް އަކީ މިސްރުގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށާއި އޭނާއަކީ އެ ހޮސްޕިޓަލުގައި ދެ އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށް ޒުމްރަތު ވިދާޅުވި އެވެ.

"ޑޮކްޓަރު ވިދާޅުވީ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކުރެވޭނެ ކަމަށް. އެ އޮޕަރޭޝަން ކޮށްފައިވަނީ ރަށުގެ އުމުރުން 39 އަހަރުގެ މީހަކަށް،" ޒުމްރަތު ވިދާޅުވި އެވެ.

ޒުމްރަތު ވިދާޅުވީ ބަލި މީހާގެ ކަރުން މަތީ މައްސަލައެއް އުޅޭކަން އެނގިފައިވަނީ މީގެ ދުވަސްކޮޅެއް ކުރީން އޭނާ ކަރުގައި ރިއްސާތީ ހޮސްޕިޓަލަށް ދެއްކުމުން ކަމަށެވެ.

އެ އޮޕަރޭޝަން ކާމިޔާބުކޮށް ދިޔައިރު ބަލިމީހާގެ ހާލު ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެފަދަ އޮޕަރޭޝަނެއް ކާމިޔާބު ވުމުގެ ފަހަތުގައި ސަރުކާރުގެ އެއްބާރުލުން ބޮޑު ކަމަށް ޒުމްރަތު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން އަންނަނީ ހޮސްޕިޓަލަށް ބޭނުންވާ އެހީތެރިކަން ވަރަށް ގާތުން ފޯރުކޮށްދެމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް