ތަނބުރޫ، ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފި

ކ. ތަނބުރުދޫ --- ފޮޓޯ : މޯލްޑިވްސް ޑޮޓް ކޮމް

ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ކ. އަތޮޅުގެ ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖާކުރުމަށްފަހު ތަނބުރުދޫ ހިމެނޭގޮތަށް އެ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ކ. އަތޮޅުގައި އޮންނަ ތަނބުރުދޫއަކީ ރާޅާ އެޅުމަށް ސަރުކާރުން ހާއްސަކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގެ ތިލަ ނުވަތަ ލެގޫން ސަރަހައްދަކީ މީގެކުރީން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

ތަނބުރުދޫ ހިމެނޭގޮތަށް އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހަށްފަހު ވަޒީރުންގެ ލަފާގެ މަތީންނެވެ.

އެގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގައި އެންވަޔަރަންމެންޓް މިނިސްޓްރީއިން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހުގައެވެ. އެގޮތުން ތަނބުރުދޫ ހިމެނޭ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއް ކަމުގައި ވަނީ ނިންމާފައެވެ.

އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމުގައި ކަނޑައަޅުއްވާފައިވާ މައިގަނޑު ސަބަބަކީ ތަނބުރުދޫ އާއި އެރަށް ވަށައިގެންވާ ސަރަހައްދަކީ ގުދުރަތީ އަދި ތަބީއީގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއް ކަމުގައި ވުމުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓްކޮށްފައެވެ.

comment ކޮމެންޓް