ނަފުރަތު އުފައްދައި، ބަދުއަހުލާގީ އަމަލުތަކަށް ހިތްވަރުދޭ މީޑިއާތަކާމެދު ހަރުކަށި ފިޔަވަޅު އަޅަނީ

އެމްއެމްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ނަފުރަތު އުފައްދައި، ބަދުއަހުލާގީ އަމަލުތަކަށް ހިތްވަރުދިނުމަކީ ނޫސްވެރިކަމުގެ ހަމަތަކާ ހިލާފުކަމެއް ކަމަށާއި އެފަދަ ކޮންޓެންޓް ތައްޔާރުކުރާ މީޑިއާތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަހުލާގީ އަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިއުކުރާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން 2011 ޖަނަވަރީ 31ގައި ގެޒެޓްކޮށް އަމަލުކުރަމުން އަންނަ "ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑު"ގެ ނުވަވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއުކުރުމުން ދުރުހެލިވާނެއެވެ." މިފަދައިންނެވެ.

ހަމަ އެ މިންގަނޑުގެ 10 ވަނަ މާއްދާގައި "ހަބަރާއި މަޢުލޫމާތު ޝާއިއުކުރުމުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުންކުރުމުން ދުރުހެލިވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލުން ބުނީ އިންޓަނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި މައުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަހްލާގީ ގޮތުން ދަށް ފެންވަރުގެ ލިޔުންތައް އާންމުވުމުގެ ސަބަބުން ސޯޝަލް މީޑިއާއާއި އިންޓަނެޓްގެ ޒަރިއްޔާއިން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުން ކަމާ ގުޅުންހުރި ފަރާތްތަކުން ހިއްސާކުރަމުންދާ ކަމަށެވެ.

ބައެއް ފަހަރު މިފަދަ ކޮންޓެންޓްތައް އެ ކޮންޓެންޓެއް ތައްޔާރުކުރި މީޑިއާއަކުން ނެގި ނަމަވެސް އިންޓަނެޓްގެ ޒަރިއްޔާއިން ޝެއާ ކުރެވޭތީ ޒަމާންތަކެއް ވަންދެން އެފަދަ ލިޔުންތައް އާންމުންނަށް ފެންނަން ހުންނަކަން ފާހަގަކޮށް މީޑިއާ މިކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހަމައެއާއެކު ބައެއް މީޑިއާތަކުގައި ނޫސްވެރިކަމާއި މުޖުތަމައުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތައް އަދި މި ނޫނަސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެކި ބާވަތުގެ ލިޔުންތައް ޝާއިއުކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް އެމްއެމްސީއިން ބުނެ އެވެ. އަދި މިއީ ނޫސްވެރިކަމުގެ އެތިކްސް ނުވަތަ އަހުލާގީ ހަމަތަކާ ހިލާފު ކަމެއް ކަމަށް އެ ކައުންސިލުން ފާހަގަކުރެ އެވެ.

ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާއި މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑުގެ ބޭރުން އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް އަމަލުކުރާ މީޑިއާތަކާއި، ބަދުއަހްލާގީ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިވާފަދަ ގޮތަކަށް އަމަލުކުރާ މީޑިއާތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް