ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ޓެނެންސީ ގާނޫނެއް ގެންނަން ގޮވާލައިފި

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޓެނެންސީ ބިލު ފާސްކޮށް، ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ހައްގުތައް އެންމެ އެދެވޭ ގޮތުގައި ކަށަވަރުކުރުމަށް ހާއްސަ އޮނިގަނޑެއް އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

އެޗްއާރުސީއެމްއިން މިގޮތަށް ގޮވާލީ މިހާރު ކުރިޔަށްދާ ޔޫޕީއާރު ރިވިއުއަށް 2015 ވަނަ އަހަރާއި 2019 ވަނަ އަހަރު ތެރޭ ރާއްޖޭގައި ފާހަގަކުރެވުނު އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތަށް ހައްލުކުރުމަށް ރާއްޖޭގެ ފަރާތުން ހުށަހެޅި ރިޕޯޓުގައި ހުށަހެޅި ލަފާތަކުގެ ތެރެއިންނެވެ. އެގޮތުން މި ރިޕޯޓުގައި ޖުމްލަ 15 މައްސަލައަކަށް އެޗްއާރުސީއެމްއިން ލަފާ އެރުވިއިރު ދިވެހިރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް އެޗްއާރުސީއެމްއިން ވަނީ އަލިއަޅުވާލައިފަ އެވެ.

ރާއްޖޭގެ އާބާދީ 500،000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ދާދިފަހުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލަފާކުރިއިރު އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދަނީ ވެރިރަށް މާލޭގަ އެވެ. މާލޭގައި އުޅޭ އާބާދީގެ ބޮޑު އިންސައްތައެއް ކުލިދީގެން ދިރިއުޅޭ އިރު މި ފަރާތްތަކުގެ އާމްދަނީގެ ބޮޑު ބައެއް ޙަރަދުވަނީ ކުލި ދެއްކުމަށްކަމަށް މި މައްސަލަ ހައްލުކުރުމަށް ވަކާލާތުކުރާ އެތައް ފަރާތަކުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ރާއްޖޭގެ ތަރައްގީ ވަރަށް ބޮޑަށް މާލެ ސަރަހައްދަށް މަރުކަޒީވެފައިވާކަމަށް އަދި ރާއްޖޭގެ އާބާދީގެ 40 އިންސައްތައާއި ގާތްކުރާ އަދަދަކަށް މީހުން މާލޭގައި ދިރިއުޅެމުންދާކަމަށް ފާހަގަކޮށްފަ އެވެ. ގޭބީސީގައި ދިރިއުޅޭ މީހުންގެ އާމްދަނީގެ 31 އިންސައްތަ ކުއްޔަށް ޙަރަދުކުރަން ޖެހިފައިވާއިރު އެވަރެޖް މީހާގެ އާމްދަނީގެ 40 އިންސައްތަ ކުއްޔަށް ހަރަދުވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމްއިން ބުނިގޮތުގައި މާލޭގެ ގޭބީސީތަކުގެ 71 އިންސައްތައަކީ ކުލިން އާމްދަނީ ލިބޭ ތަންތަނެވެ. އަދި މިހާރު ހުރި ސޯޝަލް ހައުސިންގް ނިޒާމުތަކަކީ އާންމު މީހާގެ އާމްދަނީ އާއި އަޅާކިޔާއިރު އަގުބޮޑު ނިޒާމުތަކެއްކަމަށް ފާހަގަކޮށްފަ އެވެ.

މި ސަރުކާރުގެ ރިޔާސީ ކޮމިޝަނުގެ ހޯދުންތަކުގެ އަލީގައި އާންމުންނަށް ފްލެޓް ދިނުމުގައިވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށްވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެޗްއާރުސީއެމްއިން ފާހަގަކުރި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމައެކަނި މާލެއަށް އޮތް މައްސަލައެއް ނޫނެވެ. އެގޮތުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ބިމުގެ ދަތިކަމާއި ކުރިމަތިވެ، އާއިލާއާއި ގާތްތިމާގެ އެތައް ބަޔަކު އެއް ގެބީސީއެއްތެރޭގައި ދިރިއުޅެން މަޖުބޫރުވެފައިވާކަމަށް މި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް އިމާރާތްކުރުމުގެ ފެންވަރާއި ސަލާމަތީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ އެދެވޭ މިންވަރަށް އަޅަމުންނުދާތީވެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރިކަމުގެ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓުގައިވެ އެވެ.

މި މައްސަލަތަކަށް އެންމެ އެދެވޭ ގޮތަކަށް ހައްލު ހޯދުމަށް އެޗްއާރުސީއެމްއިން މި ރިޕޯޓުގައި ލަފާދީފައިވަނީ ޓެނެންސީ ބިލު އަވަހަށް ފާސްކޮށް އާންމުންނަށް އަގުހެޔޮ ސޯޝަލް ހައުސިންގް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުންވެސް ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ހައްގުތަށް ކަށަވަރުކޮށްދީ އިމާރާތްކުރުމުގެ އުސޫލު އެންމެ އެދެވޭ ގޮތަކަށް ތަންފީޒުކުރުމަށްވެސް މި ރިޕޯޓުގައި އެޗްއާރުސީއެމުން ވަނީ ގޮވާލައިފައެވެ. އިމާރާތް ކުރުމުގެ ގާނޫނު އެދެވޭ ގޮތަކަށް ތަންފީޒުކޮށް އެކަންކަން އެންމެ ރަނގަޅަށް މޮނިޓާކޮށް ގާނޫނާއި އެއްގޮތަށް ކުރިޔަށް ދޭތޯ ބެލުމަށްވެސް އެޗްއާރުސީއެމުން ވަނީ މި ރިޕޯޓުގައި ލަފާދީފައެވެ.

comment ކޮމެންޓް