ކެމިކަލް މެނޭޖިން އާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

"އެލިމިނޭޓިން ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" އިންސެޕްޝަން ވޯކްޝޮޕް ބާއްވައިފި އެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މެމްބަރު ގައުމެއް ކަމަށާއި ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާ ކަމަށެވެ.

މި މަޝްރޫއު ހިންގުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ދަށުން 3.6 މިލިއިން ޑޮލަރު ވަނީ ހަމަޖެހިފަ އެވެ. މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫއެންޑީޕީ ގުޅިގެންނެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސްތައް މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި އެހެންކަމުން އެއީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި ތިމާވެއްޓާއި ރައްޓެހި ގޮތަށް ކެމިކަލްސް ނައްތާލުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންވާކަން ސްޓޭޓް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ކެމިކަލލްސްގެ ބާވަތެއް ކަމަށްވާ "ޕާސިސެޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް' (ޕޮޕްސް) މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަޤީންކަން ވެސް ސްޓޭޓް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓުގެ ދަށުން 24 ޓަނުގެ ޕީސީބީ- ކޮންޓެމިނޭޓެޑް އޮއިލް އަދި އިކުއިޕްމަންޓްތައް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ފޮނުވައިގެން ނައްތާލުން ކަމަށާއި މިކަންތައް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރާނެކަމަށް އެންވަޔަރަމެންޓުން ބުންނެވެ.

އެގޮތުން މި ތަކެތި ކަލެކްޓްކުރުމާއި، ލޭބަލްކުރުމާއި، ސްޓޯ ކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ނައްތާލުމަށް ސިސްޓަމްތައް ގާއިމުކުރެވިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުރެވިގެންދާނެ އެންމެ ބޮޑު ކަމަކީ ނުރައްކާތެރި ކެމިކަލްސްތައް މެނޭޖްކުރުމަށް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރުން ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް