ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފި

ބަންގްލަދޭޝްގެ ރައްޔިތުން ފުރުވާލުން -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 200 މީހަކު އެ މީހުންގެ ގައުމަށް އަނބުރާ ފުރުވާލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުގެ ރެޕަޓްރިއޭޝަން ފްލައިޓުގައި 200 މީހަކު މިއަދު ބަންގްލަދޭޝް އަށް ފުރާފައިވާ ކަމަށެވެ.

މިހާތަނަށް ސައްހަ ލިޔެކިޔުން ނެތް 8،000 އަށް ވުރެ ގިނަ ބިދޭސިން ވަނީ ފުރުވާލައިފަ އެވެ.

މިއީ ބަންގްލަދޭޝްގެ މީހުން ފުރުވާލުމަށް މޯލްޑިވިއަން އިން ބޭއްވިި 43 ވަނަ ފްލައިޓެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގައްޔާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލައިފައިވެ އެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެންނެވެ.

ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

comment ކޮމެންޓް