ޖިނާއީ ބޮޑެތި މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި ޕްރޮސެކިއުޓަރުން އައްޔަން ކުރަނީ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި ޕްރޮސެކިއުޓަރުން އައްޔަން ކުރާނެ އުސޫލެއް ގާއިމް ކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ގުޅިގެން ތަހުގީގު މަރުހަލާގައި މަސައްކަތް ކުރާނެ އުސޫލެއް އެ އޮފީހުން މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މުވާސަލާތު ކުރުމުގައި އަމަލުކުރާނެ އުސޫލު" ގެ ނަމުގައި އެ އުސޫލު ގާއިމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ އުސޫލުގެ ދަށުން ފުލުހުންގެ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ރިއަލް ޓައިމްކޮށް، މައުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މިނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި މީހަކު ހައްޔަރުކުރުމާއެކު އެމައުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު މިއޮފީހަށް އެމައުލޫމާތު ލިބި އެކަމުގެ ނޯޓިފިކޭޝަން ލިބޭނެ އެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ މައްސަލަތަކުގައި ދެ މުއައްސަސާ ގުޅިގެން އަމަލު ކުރާނެ ގޮތުގެ އިޖުރާއަތުތައްވެސް އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތު މި އޮފީހާ ހިއްސާކުރާޓާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެ އެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ އުސޫލާ އެކު މައްސަލައިގެ ތަހުގީގު ޓީމާއި ޕްރޮސިކިއުޓަރުނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަހުގީގުކޮށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އެއްގޮތަކަށް ކުރެވިގެންދާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް