ބީއެމްއެލް އިން ރަހުނަކާ ނުލާ 500،000 ރުފިޔާއާ ހަމައަށް ގްރީން ލޯނު

ރަހުނަކާ ނުލާ 500،000 ރުފިޔާއާ ހަމައަށް ގްރީން ލޯނު ދޫކުރަން ބީއެމްއެލް އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ މި ލޯނުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ލޯނު ދޫކުރާނެ ކަމަށެވެ.

މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭއިރު އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށް ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާ އާއި ހަމައަށް ގްރީން ލޯނުލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް 10 ޕަސެންޓަށް ދަށްކޮށްފައިވާކަމަށް ބޭންކުން ބުންޏެވެ.

މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ 15 ޕަސެންޓް އަމިއްލައަށް ހަރަދު ކުރަންޖެހޭ އިރު ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ އެވެ.

ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ބުނީ ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށް ކަމަށެވެ.

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑިރެކްޓަރު މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ." ނިމާލް ވިދާޅުވި އެވެ.

comment ކޮމެންޓް