މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމުން، ދީނީ އިލްމުވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށެވެ.
ނަމަވެސް މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުންގެ މަޝްވަރާ ހޯދައި، ރައްޔިތުން އެގޮތަށް ބޭނުންވާނަމަ ކަމަށެވެ.
ބަންޑާރަނައިބުގެ ވާހަކައާ ގުޅިގެން ނުރުހުން ފާޅުކުރަމުން، ބައެއް އިލްމުވެރިން ބުނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހުކުމްތަކަކީ، ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުން ބޭނުންވުމުން ބަދަލުކުރެވޭނެ ހުކުމްތަކެއް ނޫންކަމަށެވެ.
"ސަން" ގެ ހަބަރަށް ކޮމެންޓު ކުރައްވައި ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވި ނަމަވެސް މާތްﷲ ކަނޑައަޅުއްވާފައިވާ ހުކުމަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
ޑރ. އިޔާޒްގެ ވާހަކައަށް ތާއިދުކުރައްވައި ޝެއިޚް އަލީ ޒައިދު ވިދާޅުވީ މަރުގެ އަދަބު ދިނުމުގެ މައްސަލައިގައި ދިވެހި ރައްޔިތުން ތާއީދުކުރާނީ އިސްލާމްދީނުގައި އެކަން އައިސްފައިވާ ގޮތަށް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
"ޤިޞާޞްގެ ހުކުމާއި އޭގެ ޝަރުއިއްޔަތަށް އިންކާރު ކޮށްފިނަމަ އެމީހަކު އެ ކާފިރުވަނީ ކީރިތި ގުރުއާނަށް،" ޒައިދު ވިދާޅުވިއެވެ.
އަދި ގިސާސްގެ ހުކުމަކީ ކީރިތި ގުރުއާނުގެ ނައްސުން ސާބިތު، މުޅި އުންމަތް އިޖުމާއުވެފައިވާ މައްސަލައެއް ކަމަށާއި، އެއީ ހިޔާލު ހޯދަން ޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
"އޭގެ ހުރިހާ ޝަރުތެއް ފުރިހަމަވެއްޖެ ނަމަ، އެ ހުކުމް ދެމެހެއްޓުމަކީ ވެރިންގެ މައްޗަށް ވާ ވާޖިބެއް. އިސްލާމްދީނުގެ ހުކުމް ތަކަކީ އެންމެ ފުރިހަމަ ހުކުމްތައް،" ޒައިދު ވިދާޅުވިއެވެ.
ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ވިދާޅުވީ ކިތަންމެ ގިނަ ބަޔަކު އެދުނަސް، މާތްﷲގެ ޤާނޫނު ބަދަލު ނުކުރެވޭނެކަން ނޭނގުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމަށެވެ.
"ގަދަބަސް ނުބުނެ، ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް އަވަހަށް ތައުބާވުން ބުއްދިވެރި،" އިލްޔާސް ވިދާޅުވިއެވެ.
މި މައްސަލައިގައި އިތުރު އިލްމުވެރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އިލްމުވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް އަންނަނީ އޭޖީގެ ވާހަކައާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ. އޭޖީ ވިދާޅުވީ މަރުގެ އަދަބު ދިނުމަށްވުރެ ރާއްޖެއަށް މުހިންމީ، ޖިނައީ އަދުލުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.
މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން ވަނީ އާނބަސް ބުނެފައެވެ.
މިހާރު ކުރިއަށްދާ ޔޫޕީއާރް ސައިކަލްގައި ގިނަ ގައުމުތަކުން ވަނީ ރާއްޖެއިން އެ މޮރެޓޯރިއަމް ދެމެހެއްޓުމަށް އެދިފައެވެ.
ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައި އެކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.
މަރުގެ ބައެއް މައްސަލަތަކުގައި މަރަށް މަރުހިފަން ނިންމައި ހުކުމްކޮށްފައި ތިބި މީހުން ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.