އާލިއާ އާއި ރަންބީރުގެ "ބުރައްމަސްތުރާ"ގެ ޝޫޓިން އަލުން ފަށައިފި

"ބުރައްމަސްތުރާ" ގެ ލީޑު ރޯލުން ފެންނާނީ ރަންބީރާއި އާލިއާ--

އަޔާން މުކަރްޖީގެ ވަރުގަދަ ފިލްމު "ބުރައްމަސްތުރާ"ގެ ޝޫޓިން އަލުން ފަށައިފިއެވެ.

ފިލްމުގައި ނުނިމި ހުރި މަންޒަރުތައް ޝޫޓްކުރަން އިއްޔެ މުމްބާއީގައި ފެށިއިރު މި ޝޫޓިން ކުރިއަށްދާނީ 10 ދުވަހުގެ މުއްދަކަަށެވެ. އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އާ ބަތަލާ މޯނީ ރޯއީ ވެސް ވަނީ ގުޅިފައެވެ. 173 ދުވަހުގެ ޝޫޓިން މިހާތަނަށް ކޮށް ނިމިފައިވާ އެ ފިލްމުގައި ބާކީ އޮތީ އެންމެ ޝެޑިއުލެއްގެ ޝޫޓިންނެވެ. މިފަހަރުގެ ޝޫޓިން މުމްބާއީގެ ސްޓޫޑިއޯއެއްގައި ކުރާއިރު މި ފަހަރުގެ ޝޫޓިން ނިމުމާއެކު ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެއެވެ.

ފިލްމުގެ ޝޫޓިން ނިންމާލެވުނު ނަމަވެސް އަދި ދެ ލަވައެއްގެ މަސައްކަތް ކުރިއަށް އެބައޮތެވެ. ނަމަވެސް ލަވައިގެ މަސައްކަތް ކުރާނީ އަންނަ އަހަރުކަމަށް ޚަބަރުތައް ބުނެއެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން އުޅޭ ފުރަތަމަ ޓްރިލޮޖީގެ ފުރަތަމަ ބައި "ބުރައްމަސްތުރާ" އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ 2018 ވަނަ އަހަރެވެ. ނަމަވެސް ފިލްމު ފަސްކުރަމުން ފަސްކުރަމުން ދަނިކޮށް ކޮވިޑްގެ ޕެންޑެމިކް ކުރިމަތިވުމާއި ގުޅިގެން އިތުރަށް ފިލްމު ފަސްކުރަންޖެހުނީއެވެ.

"ބުރައްމަސްތުރާ" ވާނީ ބޮލީވުޑްގެ ލޯބި ޖޯޑު އާލިއާ އާއި ރަންބީރު ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އެ ފިލްމުގެ ގިނަ މަންޒަރުތަކެއ ބަލްގޭރިއާގައި ވެސް ވަނީ ނަގާފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން އަދި ނާގުރްޖުނާ އަކިނޭނީ އެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު ވެސް މެއެވެ. ފިލްމު އެކި ބައިބަޔަށް ބަހާލައިގެން ގެނެސްދޭއިރު މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް