ކުޅުދުއްފުށީ ފިހާރައެެއްގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ކުޅުދުއްފުށި ސިޓީ -- ފޮޓޯ/ ޕީއެސްއެމް

ކުޅުދުއްފުށީ ސިޓީގެ ފިހާރައެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދީފި އެވެ.

ފުލުހުން ބުނެފައިވަަނީ މިއަދު 11:25 ހާއިރު ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމުކޮށްލާފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާއަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ގެންދާއިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނިގޮތުގައި ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން މީހަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް