ރާއްޖޭގެ ޔޫޕީއާރް ސެޝަން މިއަދު، 4 ވަޒީރުން ބައިވެރިވޭ

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުން

އދ ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ސެޝަންގައި ރާއްޖޭގެ ފަރާތުން ހަތަރު ވަޒީރަކު މިއަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ ރާއްޖޭގެ ރިވިއު ސެޝަން ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ކުރިއަށްގެންދާނެ ކަމަށެވެ.

އޮންލައިންކޮށް ބާއްވާ ސެޝަންގައި ރާއްޖެ ތަމްސީލުކުރައްވާނީ، ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް އަދި މިނިސްޓާއޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

ޖެނީވާގައި ހުންނަ އދ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދާއި، ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން އދ. ގެ އޮފީހަށް ވަޑައިގެން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ރާއްޖޭގެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، އަދުލު އިންސާފާއި، މުޖުތަމަޢުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހިޔާލުފާޅުކުރުމާއި ޖަމްއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން މިނިސްޓަރުން އިންޓަވެންޝަން ހުށަހަޅުއްވާނެ އެވެ.

މިއަދުގެ ސެޝަންގައި، ރާއްޖޭން ފެބުރުވަރީ ތިނެއް، 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ. ގެ އެކި ފަރާތްތަކުން ރާއްޖެއާގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން، ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވާކަން ކަމަށް އެ އޮފީހުން ބުންޏެވެ.

ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ރާއްޖެއިން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫޕީއާރުގެ ވޯކިން ގްރޫޕަށް އެންގުމަށް 14 ޑިސެންބަރު 2020 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.

މިއަދުގެ ސެޝަންއަށް ފަހު، މިމަހުގެ ހަ ވަނަ ދުވަހު ނޮވެންބަރު ބާއްވާ ވޯކިން ގްރޫޕްގެ ސެޝަންގައި، ޔޫޕީއާރު ވޯކިން ގްރޫޕުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓް ކުރާނެ އެވެ.

comment ކޮމެންޓް