ތަފާސްހިސާބު ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ކުރެހުމުގެ މުބާރާތެއް

ދުނިޔޭގެ ތަފާސް ހިސާބު ދުވަހާ ގުޅުވައިގެން ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

އޮކްޓޯބަރު 24 އިން މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ މި އަހަރުގެ ތަފާސް ހިސާބު ދުވަހުގެ ތީމް ކަމަށްވާ "ކަނެކްޓިން ދަ ވޯލްޑް ވިތް ޑޭޓާ ވީ ކޭން ޓްރަސްޓް" މި ތީމާ ގުޅުވައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ކުރެހުމުގެ މުބާރާތުގެ ބްރޯޑް ތީމަކީ "މައި ޑޭޓާ މައި ކޮމިޔުނިޓީ" އެވެ.

މުބާރާތުގައި ތިން ކެޓަގަރީ އަކުން ކުދިންނަށް ކުރެހުން ހުށަހެޅޭނެއެވެ. އެއީ 12 އަހަރާ 14 އަހަރާ ދެމެދުގެ އުމުރުފުރާ، 15 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 12 އަހަރާ 17 އަހަރާ ދެމެދުގެ ގްރޫޕް ކެޓަގަރީ އެވެ.

ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ހޮވޭ ކުއްޖަކަށް 3،000 ރުފިޔާ ދެވަނަ އަށް 2،000 ރުފިޔާ އަދި ތިންވަނަ އަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ތީމަށް ކުރަހާފައިވާ ކުރެހުން ފޭސްބުކް ނުވަތަ ޓްވިޓާގައި #worldstatsday2020 މި ހޭޝްޓެގާއެކު ޕޯސްޓު ކުރަންޖެހެއެވެ. ފޮޓޯ ޕޯސްޓު ކުރާއިރު ފޭސްބުކް ނުވަތަ ޓްވިޓާގައި އެންބީއެސްގެ އެކައުންޓު ޓެގް ކުރަންވެސް ޖެހޭނެއެވެ.

މުބާރާތުގައި ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ކެޓަގަރީއެއްގައެވެ. ކުރެހުން ކުރަހަންޖެހޭނީ އޭ3 ސައިޒުގެ ގަނޑުގައެވެ. ފޮޓޯގްރާފް، 3ޑީ އިމޭޖަސް އަދި ޕްރިންޓްއައުޓްސް މި މުބާރާތުގައި ހުށަހެއް ނޭޅޭނެއެވެ.

ކުރެހުން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާއިރު އެކުއްޖެއްގެ ނަމާއި ރަށް އަދި ކެޓަގަރީ އެނގޭނެހެން ޕޯސްޓު ކުރުމަށް އެންބީއެސް އިން ހަނދާންކޮށްދެއެވެ.

މުބާރާތުގެ ގައިޑްލައިން

comment ކޮމެންޓް