އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާނު ކޮށްފި

އައިޖީއެމްއެޗް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް 23 ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނުގައި ބުނީ ރެޖިސްޓާޑް ނާސް، ސީނިއާ ރެޖިސްޓާޑް ނާސް އަދި ކްލިނިކަލް ނަރުހުންގެ މަގާމަށް މީހުން ބޭނުންވާ ކަމަށެވެ.

ރެޖިސްޓާޑް ނަރުހުންނަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 9،060 ރުފިޔާ އާއި 9،360 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބޭއިރު ސީނިއާ ރެޖިސްޓާޑް ނަރުހުންނަށް 9،670 ރުފިޔާ އާއި 10،160 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އަދި ކްލިނިކަލް ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 10،410 ރުފިޔާ އާއި 10،940 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

ސާވިސް އެލަވެންސްގެ ގޮތުގައި ނަރުހުންނަށް ކަނޑައެޅިފައިވާ ގޮތުގެ މަތިން 188 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 13:30ގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރުމަށް އިއުލާނުގައި ވެއެވެ.

އައިޖީއެމްއެޗުން ބުނީ މި ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި، ހުށަހަޅާ ފަރާތުގެ ނަމާއި މަގާމުގެ ނަން، ކުރިމަތިލާ ޑިޕާޓްމަންޓްގެ ނަން އަދި އައިޑީ ކާޑު ނަންބަރު ހިމަނަން ޖެހޭނެ ކަމަށާއި އެނޫން ގޮތަކަށް ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

comment ކޮމެންޓް