"ޑެސްޕަސީޓޯ" ލަވައިގެ ރެކޯޑު ބޭބީ ޝާކް އިން މުގުރާލައިފި

ބޭބީ ޝާކް ލަވައިގެ މަންޒަރެއް---

މީގެ ތިން އަހަރުކުރިން ނެރުނު ކާމިޔާބު ލަވަ "ޑެސްޕަސީޓޯ" އިން ހަދާފައިވާ ރެކޯޑު ކުޑަކުދިންގެ ލަވަ "ބޭބީ ޝާކް" އިން މުގުރާލައިފި އެވެ.

ދާދިފަހަކާ ޖެހެންދެން ވެސް ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ހޯދާފައިވާ ވީޑިއޯތަކުގެ އެއްވަނަ މަގާމުގައި އޮތީ ލުއީ ފޮންސީ އާއި ޑެޑީ ޔަންކީގެ އަޑުން އިވިގެންދިޔަ ޑެސްޕަސީޓޯއެވެ. ނަމަވެސް މިހާރު ލިސްޓުގެ އެއްވަނައިގައި މިއޮތީ ކުޑަކުދިންގެ ބޭބީ ޝާކް ލަވައެވެ. ހަތް ބިލިއަނަށްވުރެ ގިނަ ވިއުސް ހޯދާގައިގެން ޔޫޓިއުބްގެ އެންމެ ގިނަ ވިއުސް ހޯދި ލަވައަކަށް ބޭބީ ޝާކް ވެގެންދިޔައިރު މި ލަވައަކީ ސައުތު ކޮރެއާގެ ޗިލްޑްރަންސް އެޑިއުކޭޝަނަލް ކޮމްޕެނީ ޕިކްންފޮންގް އިން އުފެއްދި ލަވައެކެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު މި ލަވަ އާންމުންގެ މެދުގައި ބޮޑު ހިޓަކަށް ވެގެންދިޔައިރު ކުޑަކުދިންގެ މެދުގައި އަދިވެސް އެންމެ މަގްބޫލު އެއް ލަވައަކީ ބޭބީ ޝާކް އެވެ.

ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ހޯދާފައިވާ ވީޑިއޯގެ ލިސްޓުގެ ތިން ވަނައިގައި މިހާރު އޮތީ ފަސް ބިލިއަނަށްވުރެ ގިނަ ވިއުސް އާއެކު އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" އެވެ. އަދި ހަތަރު ވަނައިގައި 4.7 ބިލިއަން ވިއުސް އާއެކު އޮތީ ވިޒް ޚަލީފާ އާއި ޗާލީ ޕުތްގެ "ސީ ޔޫ އަގެއިން" އެވެ. ލިސްޓުގެ ފަސްވަނައިގައި އޮތީ ކުޑަކުދިންގެ އެނިމޭޓަޑް ސީރީޒް "މާޝާ އެންޑް ދަ ބެއާ- ރެސިޕީ ފޯ ޑިޒާސްޓާ"އެވެ.

comment ކޮމެންޓް