ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި

ލަންކާގައި ކޮރޯނާއިން ރައްކާތެރިވާން ޑިސްއިންފެކްޓްކުރަނީ--

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން މަރުވީ 68 އަހަރާއި 81 އަހަރުގެ މީހަކެވެ. އެ ދެ މީހުންވެސް މަރުވީ ކޮލަމްބޯ ނެޝެނަލް ހޮސްޕިޓަލްގަ އެވެ.

ދެމަސް ދުވަސް ވަންދެން ކޮވިޑްގެ ކޭހެއް ލަންކާގައި ނުފެނި އޮތުމަށް ފަހު އަލުން ކޮވިޑްގެ ކޭހެއް ފެނުނީ މިދިޔަ އޮކްޓޫބަރު މަހު އެ ގައުމުގެ ގަމްޕަހާ ހޮސްޕިޓަލްގައި ނޭވާލާ ނިޒާމަށް ފަރުވާ ދެމުން ދިޔަ 39 އަހަރުގެ އަންހެނެއްގެ ގައިންނެވެ. ފަހުން އޭނާގެ އަންހެން ދަރިއެއް ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ.

ލަންކާއިން އިއްޔެވެސް ވަނީ 275 މީހުން ޕޮޒިޓިވްވެފައެވެ. ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި މިފަހުން ކޭސްތައް ފެނުނީ މައިގަނޑު ދެ ކްލަސްޓާއަކުންނެވެ. އެ ދެ ކްލަސްޓާއިން ބަލި ޖެހުނު މީހުންގެ އަދަދު 7،856 އަށް ވަނީ އަރައިފައެވެ. އެއާއެކު އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،335 އަށް އަރައިފައެވެ.

އެންމެ ގިނައިން ކޮރޯނާގެ ކޭސްތައް މިހާރު ފެންނަ ސަރަހައްދުތަކުގެ ތެރޭގައި ލަންކާގެ ވެރިރަށް ކޮލަމްބޯއާއި، ގަމްޕަހާ، ޕުއްތަލަމް، ކަލުތަރާ އަދި ކެންޑީ ހިމެނެއެވެ.

ކޭސްތައް އިތުރުވާތީ ސްކޫލް ބަންދުވެސް އަނެއްކާވެސް ވަނީ އިތުރުކޮށްފައެވެ. ލަންކާގެ ސްކޫލްތައް ހުޅުވަން ކުރިން ޝެޑިއުލްކޮށްފައި އޮތީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.ނަމަވެސް ދެން ސްކޫލް ހުޅުވާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.-- ނިއުސްވަޔާ ލަންކާ/ އޭޕީ/ ލަންކާ ހެލްތު ޕަބްލިކް ބިއުރޯ

comment ކޮމެންޓް