ދޫނިދޫގެ ފެނުގެ މައްސަލާގައި އެޗުއާރްސީއެމް އިން ބަޔާން ނެރުނީ ހަގީގަތް އޮޅޭ ގޮތަށް: ފުލުހުން

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ: ގޫގުލް

ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތިބޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްނުދޭ ކަމަށް ބުނެ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ނިންމައި، އެކަމުގެ މައުލޫމާތު އާންމު ކުރީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދޫނިދޫ ކަސްޓޯޑިއަލް ބެލުމަށް ފަހު އެޗްއާރްސީއެމްއިން ބުނެފައި ވަނި އެތަނުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަން ރަނގަޅު ކުރަން ދިން މުއްދަތުގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިއްޔެ އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއަދު ފުލުހުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، އެޗްއާރްސީއެމް އިން އިއްޔެ ނޫސްބަޔާން ނެރުނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ.

ދޫނިދޫގެ ބައެއް ފެން ހޮޅިތައް ބަދަލު ކުރުމާއި، ފެން ސާފު ކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި، އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، އެއްވެސް އެސެޓެއް ގަތުމުގެ ކުރިން ފިނޭންސް މިނިސްޓްރީއިން ލިޔުމެއް ހޯދަން ޖެހޭކަން ފުލުހުން ފާހަގަ ކުރި އެވެ. އަދި ބަންދު ދުވަސްތަކެއް އައުމާ އެކު އެކަންކަން ކުރުމަށް ލަސްވިޔަސް، އެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ދޫނިދޫގައި ބަންދު ކުރާ މީހުންނަށް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ ގޮތް ވަގުތީ ގޮތުން ހަމަޖައްސާފައިވާނެ ކަމަށެވެ.

ދޫނިދޫގައި ފެން ފޯރުކޮށްދެމުން ދަނީ ފެން ޕްލާންޓެއް ބޭނުންކޮށްގެންނެވެ. އެ ތަނުގެ ފެނަކީ ދޫނިދޫގައި ބަންދު ކުރެވޭ މީހުންނާއި، އެތަނުގައި އުޅޭ ފުލުހުންނާއި، އެތަނަށް އެހެން ބޭނުންތަކުގައިވެސް އަންނަ މީހުން ބޭނުން ކުރާ ފެނެވެ.

ދޫނިދޫއިން ފޯރުކޯށްދޭ ފެނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ނުފެތޭ، ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށާއި، އެ ފެން ބޭނުންކުރުމުން ހަމުގެ ބަލިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކަމާގުޅޭ މާހިރުން ދެއްވާފައިވަ ފަންނަނީ ލަފާއިން އެނގޭ ކަމަށް އިއްޔެ އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

އެ ފެން ފޯރުކޮށްދިނުން ހުއްޓާލައި ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ އިންތިޒާމުތަކުގެ ތަފްސީލް 72 ގަޑިއިރުގެ ތެރޭގައި ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް 27 އޮކްޓޫބަރުގައި އެޗްއާރްސީއެމްއިން ފުލުހުންނަށް އެންގި އެވެ. ނަމަވެސް، އިއްޔެ އެޗްއާރްސީއެމް އިން ދޫނިދޫ ކަސްޓޯޑިއަލް ގޮސް ބެލި ބެލުމުން، އެތަނުގައި ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

comment ކޮމެންޓް