ލަންކާގެ ގޮނޑުދޮށަށް ބީހުނު 120 ބޮޑުމަސް ސަލާމަތްކޮށްފި

ލަންކާގެ ގޮނޑުދޮށަށް ބީހުނު ބޮޑުމަސްތައް ވަނީ ސަލާމަތްކޮށްފި -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ނޮވެމްބަރު 3): ސްރީލަންކާގެ ގޮނޑުދޮށަށް އިއްޔެ ބީހުނު 120 ބޮޑުމަސް އެގައުމުގެ ކަނޑުގެ ސިފައިންނާއި އާއްމު ރައްޔިތުން ގުޅިގެން ސަލާމަތްކޮށްފި އެވެ.

ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު އިންޑިކާ ޑި ސިލްވާ ވިދާޅުވި ގޮތުގައި އެގައުމުގެ ޕަނަޑުރާގެ ގޮނޑުދޮށް ކައިރިން ޕައިލެޓް ވޭލްތައް ފެންނަން ފެށީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި އެއީ އެގައުމުގެ ގޮނޑުދޮށަށް އެހާ ވަރަށް ގިނަ ބޮޑުމަސް ބީހުނު ފުރަތަމަ ފަހަރެވެ.

ޑި ސިލްވާ ވިދާޅުވި ގޮތުގައި އެ ބޮޑުމަސްތައް ފުންކޮށް، ކަނޑަށް ދޫކޮށްލީ ސިފައިން ފާރަމަރަން ބޭނުން ކުރާ ބޯޓެއްގެ އެހީގަ އެވެ. ނަމަވެސް ދެ ބޮޑުމަހަކަށް އަނިޔާވެ، އެ ދެ މަސް ވަނީ މަރުވެފަ އެވެ.

"އަޅުގަނޑުމެން ކުޑަ ޕެޓްރޯލް ބޯޓެއް ބޭނުންކޮށްގެން ފަހަރަކު މަހެއް ފުން ކުރީ. ނަމަވެސް ދެ ބޮޑުމަހަކަށް ލިބުނު އަނިޔާއާ ހެދި އެ ދެ މަސް ވަނީ މަރުވެފަ،" ޑި ސިލްވާ ވިދާޅުވި އެވެ.

ލަންކާގެ މެރިން އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޮތޯރިޓީއިން ބުނި ގޮތުގައި އެއީ ދެކުނު އޭޝިއާގެ ގައުމަކަށް އެހާވަރަށް ގިނަ ބޮޑުމަސް އެއް ފަހަރާ ބީހުނު ފުރަތަމަ ފަހަރެވެ. އަދި އެއީ މިދިޔަ ސެޕްޓެމްބަރު މަހު އޮސްޓްރޭލިއާގެ ޓެސްމޭނިއާގެ ގޮނޑުދޮށަށް 470 ބޮޑުމަސް ބީހުނު ހާދިސާއާ އެއްގޮތް ހާދިސާއެކެވެ. އެ ފަހަރު 110 ބޮޑުމަސް ސަލާމަތް ކުރެވުނު ނަމަވެސް ބާކީ މަސްތައް މަރުވީ އެވެ.

comment ކޮމެންޓް