ސިފައިންނަކީ ފިލި ބައެއް ކަމަށް ބުނުމުން ދޮންބިލަތަށް ފާޑުކިޔުން!

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރަން ބައެއް ސިފައިން ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުން ދިޔައިރު، ބައެއް ސިފައިން ފިލި ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވުމުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކައްވަމުން ހަލީމް ވިދާޅުވީ ނޮވެމްބަރު ތިން ވަނަ ދުވަހަކީ އިންޑިއާގެ ރައްޔިތުންނާއި އެ ގައުމުގެ އަސްކަރިއްޔާއިން ރާއްޖެއަށް ދުވަހަކުވެސް ހިތުން ނުފިލާ ވަރުގެ ހިދުމަތެއް ދިން ދުވަހެއް ކަމަށެވެ،

މެމްބަރު ވިދާޅުވީ އުދުވާނީ ހަމަލާ ކުރިމަތިވި އިރު، އޭނާގެ އުމުރުން 21 އަހަރު ކަމަށާއި އެދުވަހުގެ ނާމާންކަމާއި ބިރުވެރިކަން ފެނިވަޑައިގެން ކަމަށެވެ.

"މުޅި ރައްޔިތުން އޮތީ މަގުމައްޗަށް ދޫވެފަ. ސަރުކާރުގެ ބާރެއް ނެތް.
ސަރުކާރުގެ ބާރެއް ނެތް. ތެދުފުޅެއް! އޭރުގެ ދިފާއީ ބާރު، އެންއެސްއެސްގެ ތެރޭގައި ވަރަށް ހިތްވަރުގަދަ ދިވެހި ޒުވާނުން ވެސް ތިބި. ގައުމަށް ވަފާތެރި ޒުވާނުން ތިބި. އަޅުގަނޑު ފާހަގަކުރަން ޝަހީދު ހުސައިން އާދަމްގެ ނަން، އަދި ފިޔޯރީ ހުސައިން އަބްދުﷲގެ ނަން. އަޅުގަނޑު ފާހަގަކުރަން ފުލުހުންގެ ތެރޭގައި، ސިފައިންގެ ތެރޭގައި އޭރުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި. އެއީ ހިތްވަރު ގަދަ ބޭފުޅުނ. އެ ދުވަހު ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރީ،" މެމްބަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެދުވަހުވެސް ސިފައިންގެ ތެރޭގައި އެންމެ ބޮޑު މުސާރަ ނަންގަވައިގެން އެންމެ މަތީ ޖެނެރަލުންގެ ސަފުގައި ތިބި ބައެއް ބޭފުޅުން ތިއްބެވީ ސައިފަތް ފޮށިގަނޑު ތެރެއަށް އެރެގެން ކަމަށާއި އަދި ދޮންނަމެޝިންގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުން ވެސް ތިއްބެވި ކަމަށެވެ.

އަދި އޭރުގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވެސް އޮންނެވީ ކޮންމެސް ގެއެއްގެ ތެރޭގައި ފޮށްޓެއްގެ ދަށަށް ވަދެ ފިއްލަވައިގެން ކަމަށް ވިދާޅުވިއެވެ.

އަދި ތިން ފަށް ޖަހާފައި ތިބި ބައެއް ސިފައިން، ބޮޑު މީހަކަށް ވުމުން އަނިޔާކޮށްފާނެ ކަމުގެ ބިރަށް، ފަށް ނައްޓާލައިގެން އުޅުއްވި ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"އެވަރުގެ ސިފައިން ވެސް ތިބި އިނގޭތޯ. އެކަމަކު، އަޅުގަނޑު މި ދަންނަވަނީ، ދެ ފަރާތް ވެސް އޮތޭ، އެހެންވީމަ، އެ ދުވަހު ކޮން ބައެއްތޯ އަޅުގަނޑުމެންގެ ކައިރިއަށް އައީ؟ އަޅުގަނޑުމެންގެ ކައިރިއަށް އައީ ދިވެހިރާއްޖޭގެ ސަރުކާރުން އެދިގެން އިންޑިއާގެ ސިފައިން. އައިސް އަޅުގަނޑުމެންގެ މި ރާއްޖެ ސަލާމަތް ކުރުމަށްފަހު އިންޑިއާ ސިފައިން [ދިޔައީ]. އަޅުގަނޑުމެން އިންޑިއާ އައުޓް ގޮވާކަށް ނުޖެހުނު އިންޑިއާ ބޭރުކުރާކަށެއް،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ ވާހަކަތަކާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ އެދުވަހު އިންޑިއާއިން ވެދިން އެހީއަށް ޝުކުރު އަދާކުރާ ކަމަށާއި އެހެން ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ އައި އިރު، ދިވެހި ސިފައިން ރާއްޖެ ހިމާޔަތްކޮށްދީފައިވާ ކަމަށެވެ.

"އޭރުގެ ސަރުކާރުން އެދިލެއްވި އެދިލެއްވުމަށް އިންޑިއާ އަސްކަރިއްޔާއިން އިޖާބަދެއްވައި އަޅުގަނޑުމެންނަށް އެހީތެރިވުމަށް މިތަނަށް ވަޑައިގެން ދެއްވި. އެހެން ނަމަވެސް އެކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބާ ނަސްރު އޭރު އޮތީ ލިބިފައި،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ ވާހަކަ މާނަކޮށްދެއްވަމުން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ވިދާޅުވި ވާހަކައަކީ "އިންޑިއާ ސިފައިންނަށް ދައުވަތު ދެވުނު އިރުގައި އެ ހަނގުރާމަ އޮތީ ނިމިފައޭ. ދެން އަޅުގަނޑުމެން ދައުވަތު ދިނީ މަޖަލަކަށޭ،" ކަމަށެވެ.

މެމްބަރު ލަތީފުގެ ވާހަކައަށް ރައްދު ދެއްވައި މެމްބަރު ހަލީމް ވިދާޅުވީ ފޮށިގަނޑުތަކުގެ ތެރޭގައި ތިބި ސިފައިން އެތަނުން ނުކުތީ ވެސް އިންޑިއާ ސިފައިން އައުމުން ކަމަށާއި، އިންޑިއާ ސިފައިން އައިސް ބައެއް ސިފައިން ފޮށިގަނޑުތަކުން ނަގަން ވެސް ޖެހުނު ކަމަށެވެ.

"އެހެންވީމާ، އެ އޮތީ ވަރަށް ރަނގަޅަށް ހިމާޔަތް ކުރެވިފަ. އަޅުގަނޑުމެންގެ ތެރެއިން ހިމާޔަތް ކުރަން ކުރި މަސައްކަތް އަޅުގަނޑުމެންނަށް ފެނުނު. ޝަހީދު ހުސައިން އާދަމް އަވަހާރަވެގެން ދިޔައީ، ފުރާނަފުޅު ދޫކޮށްލީ،" ދޮންބިލެތް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ދޮންބިލެތް ދެއްކެވި ވާހަކަ ކުށްވެރިކުރައްވައިފައެވެ. މެމްބަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ޖިހާދު ކުރެއްވި ސިފައިންގެ އަގުވެއްޓޭ ގޮތަށް މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ.

މެމްބަރު ހަލީމް ވިދާޅުވީ އޭނައަކީ މާލޭ މީހެއް ކަމަށާއި، އެދުވަހު ހުރީ ވެސް މާލޭގައި ކަމަށެވެ. އެހެންކަމުން އޭނާއަށް ނޮވެމްބަރު ތިނެއްގެ ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ. އަދި އެދުވަހު ބަނޑޭރިގެއިން ނުކުމެ ގައުމަށްޓަކައި މަސައްކަތް ކުރެއްވީ ހައެއްކަ ސިފައިން ކަމަށެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރީ ފަހުރުވެރި ދިވެހި ސިފައިން ކަމަށެވެ. އަދި ރައީސް މައުމޫން ވެސް ހެޔޮ ހާލުކޮޅުގައި ހުންނަވައި ސިފައިންގެ އިސްވެރިންނާ ވާހަކަދައްކަވައި ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާވެސް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ދޮންބިލެތް ދެއްކެވި ވާހަކައާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ސިފައިންގެ ބޭފުޅުން ވެސް ހިމެނެއެވެ.

މެމްބަރު ހަލީމަށް އަމާޒުކުރައްވައި ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ "ހޭވެރިކަމާއި ތަސައްރަފު ކެނޑިފައި ތިބޭ މީހުން ވެސް ފެނޭ، މިވަރެއް ނުދެކެން،" ކަމަށެވެ.

އަދި މެމްބަރު ހަލީމަށް މިއަދު މަޖިލީހުގައި ދެއްކުނު ވާހަކަވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.

މިހާރު ރިޓަޔާ ކުރައްވާފައިވާ ކެޕްޓަން އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ ތިނެއް ނޮވެމްބަރުގައިި ރާއްޖެ ހިފަން އައި މީހުންނާއި "މިފަދަ ވާހަކަ ދައްކާ މީހުންނާ ތަފާތެއް އެބަ އޮތްތޯ؟" ސުވާލުކުރައްވައިފައެވެ.

އަދި އެދުވަހު ސިފައިން ފިލި ނަމަ، މިއަދު ދޮންބިލެތަށް އެ ވާހަކަ ގޮވާނެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ހަމައެއާއެކު ދޮންބިލެތް ދެއްކެވި ވާހަކައަކީ ޝަހީދުންގެ ގުރުބާނީގެ އަގު ކުޑަވާގޮތަށް، ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

ބާޣީންގެ ހަމަލާ ނާކިޔާބު ކޮށްލީ ދިވެހި ސިފައިން ރައްދުގައި ދިން ހަމަލާތަކުންނެވެ.

comment ކޮމެންޓް