ލަގްޒަރީ ގަޑި މުވައްޒަފުންނަށް ދިން މައްސަލާގައި އޮސްޓްރޭލިއާ ޕޯސްޓުގެ ވެރިޔާ އިސްތިއުފާ ދީފި

އޮސްޓްރޭލިއާ ޕޯސްޓުގެ ސީއީއޯގެ މަގާމުން ކްރިސްޓީން ހޮލްގޭޓް ވަނީ އިސްތިއުފާ ދެއްވާފަ -- ފޮޓޯ: ގެޓީ

ކެންބެރާ (ނޮވެމްބަރު 2): އޮސްޓްރޭލިއާގައި ޕޯސްޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގައި އިސްކޮށް ހުންނެވި ކްރިސްޓީން ހޮލްގޭޓް އެ ކުންފުނީގެ ހަރަދުގައި ހަތަރު މުވައްޒަފަކަށް ހަދިޔާއެއްގެ ގޮތުގައި ލަގްޒަރީ ގަޑިތަކެއް ދެއްވި މައްސަލައާ ގުޅިގެން އޭނާ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޮސްޓްރޭލިއާ ޕޯސްޓުން 2018 ވަނަ އަހަރު ޖުމްލަ 14،000 ޑޮލަރުގެ ހަތަރު ލަގްޒަރީ ގަޑި ގަނެ، އެ ގަޑިތައް ކުންފުނީގެ ހަތަރު އެގްޒެކެޓިވް މުވައްޒަފަކަށް ދިންކަން ހާމަވީ މިދިޔަ މަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގަ އެވެ. އެ ކޮމިޓީއަކީ ޓެކްސް ފައިސާ ހަރަދު ކުރާ ގޮތް ދިރާސާ ކުރާ ކޮމިޓީއެކެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރަން ބޮޑުވަޒީރު ސްކޮޓް މޮރިސަން ގޮވާލެއްވި އެވެ.

ހޮލްގޭޓް އިއްޔެ އާއްމު ކުރެއްވި ބަޔާނެއްގައިވާ ގޮތުން އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބިފައި ވުމަކީ އޮސްޓްރޭލިއާ ޕޯސްޓަށްވެސް އަދި އޭނާއަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ. އެހެންކަމުން އެ ކުންފުނީގެ ހިދުމަތަށް ހުރަހެއް ނޭޅޭނެކަން ޔަގީން ކުރުމަށްޓަކައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފަ އެވެ.

"އޮސްޓްރޭލިއާ ޕޯސްޓުގެ ފުރިހަމަ ސަމާލުކަން ލިބޭ ކަމަކީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަން ޔަގީން ކުރުމަށްޓަކައި އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން،" ހޮލްގޭޓް އާއްމު ކުރެއްވި ބަޔާނެއްގައިވެ އެވެ.

އެ ބަޔާނުގައި ހޮލްގޭޓް ވަނީ މުވައްޒަފުންނަށް ގަޑި ހަދިޔާ ކުރުން ދިފާއު ކުރައްވާފަ އެވެ. އަދި މުވައްޒަފުންގެ މަސައްކަތްތައް ބަލައިގަނެ، ޝުކުރު އަދާ ކުރުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަތަރު މުވައްޒަފުންނަކީ އޮސްޓްރޭލިއާ ޕޯސްޓަށް 154 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހޯދައި ދިން މުވައްޒަފުންނެވެ.

ނަމަވެސް ހޮލްގޭޓް އެ ހަދިޔާ ގަތީ ޓެކްސް ފައިސާއިންކަން ފާހަގަކޮށް، އެއީ ބޭކާރު ހަރަދެއް ކަމަށް ބުނެ ގިނަ އަަދަދެއްގެ މީހުން ވަނީ ފާޑު ކިޔާފަ އެވެ.

comment ކޮމެންޓް