ބައެއް އޮންލައިން ޓްރޭޑިން ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް، އޮންލައިންކޮށް ޖުވާ ކުޅުމާއި ޓްރޭޑް ކުރުމަށް އެ ބޭންކުގެ ކާޑުތައް ބޭނުން ނުކުރެވޭގޮތް ހަދައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ގާނޫނާ ހިލާފު މާލީ މުއާމަލާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކާއި، ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަނުން އިތުރުވެފައިވާ އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ޑޮލަރު ލިބޭ މިންވަރު ބޮޑުތަން ދަށްވެފައިވާ ހާލަތެއްގައި އެފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުން އަންނަ ކަމަށެވެ.

އެހެންކަމުން، މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގައި ރާއްޖޭގެ އިގްތިސޯދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރަން ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުން ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

އަދި ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް މޮނިޓާކުރާނެ ކަމަށާއި، ބޭންކަށް ފެނިއްޖެ ނަމަ އެފަދަ މުއާމަލާތްތައް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ އެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ސަރުކާރުގެ ގުޅުންހުތރި އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

comment ކޮމެންޓް