ދޫނިދޫ ޖަލުގައި ތިބޭ މީހުންނަށް ސާފު ފެން ފޯރުކޮށްނުދޭތީ ފިޔަވަޅު އަޅަނީ

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ

ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތިބޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްނުދޭތީ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޫބަރު 20 ވަނަ ދުވަހު އެޗްއާރްސީއެމްގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލް އަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި އެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަހުލީލުކުރުމުން އެ ކަސްޓޯޑިއަލްގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އޭގެ އިތުރުން، އެ ފެނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމާއި، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށާއި، އެ ފެން ބޭނުންކުރުމުން ހަމުގެ ބަލިފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކަމާގުޅޭ މާހިރުން ދެއްވާފައިވަ ފަންނަނީ ލަފާއިން އެނގޭ ކަމަށެވެ.

އަދި ކޮމިޝަނުގެ ސަމާލުކަމަށް އެކަން އައުމުން، ސާފު ބޯފެން ލިބުމުގެ ހައްގާއި، ރަނގަޅު ސިއްހަތެއްގައި ހުރުމުގެ ހައްގު އެންމެ ފުރިހަމައަށް ލިބިދެވޭކަން ކަށަވަރު ކުރުމުގެ ގޮތުން ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ތިބޭ ފަރާތްތަކާއި ދޫނިދޫގައި އެފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އެ ފެން ފޯރުކޮށްދިނުން ހުއްޓާލައި ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ އިންތިޒާމުތަކުގެ ތަފްސީލް 72 ގަޑިއިރުގެ ތެރޭގައި ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް 27 އޮކްޓޫބަރުގައި ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

އަދި އެގޮތަށް އަމަލުނުކޮށްފި ނަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަން ވެސް އަންގާފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް މިއަދު އެޗްއާރްސީއެމް އިން ދޫނިދޫ ކަސްޓޯޑިއަލް އަށް ޒިޔާރަތްކޮށް ބެލި ބެލުމުން، އެތަނުގައި ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

އެހެންކަމުން ކަސްޓޯޑިއަލްގައި ތިބޭ ފަރާތްތަކާއި ދޫނިދޫގައި އެ ފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

comment ކޮމެންޓް