ދޯނި ހައިޖެކްކުރުން ކުށްވެރިކޮށް، ތަހުގީގު އަވަސްކުރަން އެޗްއާރްސީއެމް އިން ގޮވާލައިފި

ފަސްކުރި" ނަމަކަށް ކިޔާ މަސްދި

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް "ފަސްކުރި" ކިޔާ މަސްދޯންޏަށް ތޫނު އެއްޗެހި ހިފައިގެން އެރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކުށްވެރިކޮށް، މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެ ދޯންޏަށް ތޫނު ހަތިޔާރާ އެކު ބަޔަކު އަރާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަތިޔާރާއެކު އަރައި، ދޯނި ހައިޖެކްކޮށް، ދޯނީގެ ފަޅުވެރިންނަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި، ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި، ދިރިހުރުމުގެ ހައްގާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގާއި، މުދާ ރައްކާތެރިކުރުމުގެ ހައްގާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ ފަދަ މައްސަލައެއް ކަމަށެވެ.

އެހެންކަމުން އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ޓެރަރިޒަމްގެ އެ އަމަލަކީ ހައްސާސީ މައްސަލައެއްގެ ގޮތުގައި ދެކި ވީ އެންމެ އަވަސް މިނެއްގައި ތަހުގީގުކޮށް، އެ ބިރުވެރި އަމަލު ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، ހާދިސާ ކުރިމަތިވި މަސްވެރިންނަށް އިންސާފު ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމް އިން ބުނީ އެ މައްސަލައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ކޮމިޝަނުން ފާރަވެރިވެ، ތަހުގީގު ކުރިއަށްދާ މިންވަރު ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.

ދޭދޭ ފަރުދުންގެ ދެމެދުގައި ޖެހޭ މިފަދަ މައްސަލަތަކުގައި ބާރުގެ ބޭނުންކޮށް މައްސަލަ ހައްލުކުރަން އުޅުމަކީ މުޖުތަމައުގައި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ލޭ އޮހޮރުވުން ފެތުރިދާނެ ފަދަ ކަމަކަށް ވާތީ، ހުރިހާ ރައްޔިތުން ވެސް އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލައިފައެވެ.

އަދި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

"ފަސްކުރި" ކިޔާ މަސްދޯންޏަށް ތޫނު އެއްޗެހި ހިފައިގެން އެރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި 16 މީހުން ވެސް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށާއި އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް