ސްނޯޑެން ރަޝިއާގެ ރަށްވެހިކަން ހޯދަނީ

އެމެރިކާގެ ވިސުލްބްލޯވާ އެޑްވާޑް ސްނޯޑެން ވަނީ ރަޝިއާގެ ރަށްވެހިކަމަށް އެދިފަ -- ފޮޓޯ: ގެޓީ

މޮސްކޯ (ނޮވެމްބަރު 2): އެމެރިކާގެ ވިސުލްބްލޯވާ އެޑްވާޑް ސްނޯޑެން ރަޝިއާގެ ރަށްވެހިކަން ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް އޭނާ ބުނެފި އެވެ.

އެމެރިކާއިން އެގައުމުގެ ރައްޔިތުންނަށް ޖާސޫސު ކުރާކަން 2013 ވަނަ އަހަރު ފަޅާ އަރުވާލި ސްނޯޑެން އެ ހާދިސާއަށް ފަހު ދިރިއުޅެމުން ދަނީ ރަޝިއާގަ އެވެ.

ސްނޯޑެން ރަޝިއާގެ ރަށްވެހިކަމަށް އެދުނުކަން ހާމަ ކުރީ އޭނާގެ އަންހެނުން ލިންސޭ މިލްސް ބަލިވެއިން ހަބަރު ހިއްސާ ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ސްނޯޑެން ބުނި ގޮތުގައި އޭނާ އާއި މިލްސް، އެ ދެމީހުންގެ އާއިލާއާ ދުރުގައި އުޅޭތާ އެތައް އަހަރެއްވެއްޖެ އެވެ. އަދި އެފަދަ ގޮތަކަށް ދަރިފުޅާ ދުރުވާން ޖެހޭ ހާލަތެއް އެ ދެމަފިރިން ބޭނުމެއް ނުވެ އެވެ.

"އަހަރެމެންގެ ދަރިފުޅާ ވަކިވާން އަހަރެމެން ބޭނުމެއް ނުވޭ. އެހެންކަމުން، ބަލިމަޑުކަން ފެތުރި ބޯޑަރުތައް ބަންދުކޮށްފައިވާ މި ދުވަސްވަރު، ދެ ގައުމުގެ ރަށްވެހިކަން ވެސް އޮންނަ ގޮތަށް ރަޝިއާގެ ރަށްވެހިކަމަށް އަހަރެމެން އެދެނީ،" ސްނޯޑެންގެ ޓުވީޓެއްގައިވެ އެވެ.

އެމެރިކާގެ ރައްޔިތުންގެ އޮންލައިން ހަރަކާތްތަކާ ބެހޭ މައުލޫމާތާއި ފޯނު ރެކޯޑުތައް އެގައުމުގެ ނެޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ)އިން ރައްކާ ކުރާކަން ދައްކުވައިދޭ ސިއްރު ލިޔެކިޔުންތަކެއް ސްނޯޑެން ލީކުކޮށްލީ އެ އިދާރާގައި މަސައްކަތް ކުރަމުންނެވެ. އޭގެ ސަބަބުން އެމެރިކާއިން ވަނީ އޭނާގެ މައްޗަށް ޖާސޫސު ކުރުމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް ސްނޯޑެން ވަނީ ރަޝިއާއަށް ގޮސް، އެގައުމުގެ ހިމާޔަތް ހޯދާފަ އެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސްނޯޑެންއަށް މާފު ދެއްވުމާ ބެހޭ ގޮތުން ވިސްނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ވާހަކައެއް ފަހުން ޓްރަމްޕް ނުދައްކަވަ އެވެ.

comment ކޮމެންޓް