ކޮވިޑް ޖެހިފައިވާ މީހަކާ ބައްދަލުވުމުން ޑަބްލިޔުއެޗްއޯގެ ވެރިޔާ ކަރަންޓީނަށް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް -- ފޮޓޯ: އީޕީއޭ

ޖެނީވާ (ނޮވެމްބަރު 2): ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް، ކޮވިޑް-19 ޖެހިފައިވާ މީހަކާ ބައްދަލުވިކަން އެނގިވަޑައިގަތުމުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފި އެވެ.

ޓެޑްރޮސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާގެ ހާލުކޮޅު ރަނގަޅެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ހުންނަވާނީ އެކަހެރިވެގެންނެވެ.

"ކޮވިޑް-19އިގެ ޓެސްޓަށް ޕޮޒިޓިވްވި މީހަކާ އަޅުގަނޑާ ބައްދަލުވިކަން ވަނީ އެނގިފަ. އަޅުގަނޑުގެ ހާލު ރަނގަޅު އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނޭ ނަމަވެސް ޑަބްލިޔުއެޗްއޯގެ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލައަށް ކަރަންޓީނުވެ، ގޭގައި ހުރެގެން މަސައްކަތް ކުރަމުން ދާނަން،" ޓެޑްރޮސް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ހިތްވަރުދެއްވާ، ކޮވިޑް ފެތުރުން ހުއްޓުވުމަށާއި ސިއްހީ ނިޒާމު ރައްކާތެރި ކުރެވެނެ އޮތް ގޮތަކީ އެއީ ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާތަނަށް 46 މިލިއަން މީހުން ޕޮޒިޓިވްވެ، ބަލީގައި 1.2 މިލިއަން މީހަކު ވަނީ މަރުވެފަ އެވެ. އަދި ޕޮޒިޓިވްވި 31 މިލިއަން މީހެއްގެ ބަލި މިހާރު ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް