ސަވައިލަންސް ޕެޓްރޯލަށް އިންޑިއާގެ ނޭވީ އުޅަނދެއް ރާއްޖެއަށް

އިންޑިއާގެ ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" ރާއްޖޭގައި -- ފޮޓޯ/އެމްއެންޑީއެފް

އިންޑިއާގެ ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އައިސީޖީއެސް ސަންކްލަޕް ރާއްޖެ އައިސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް ކަމަށެވެ،

އައިސީޖީއެސް ސަންކްލަޕް ރާއްޖެއަށް ކުރާ ދަތުރުގައި، މާދަމާއިން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 71 ވަނަ ސާފޭސް ސަވައިލަންސް ޕެޓްރޯލް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއީ ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގާ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފެށިފައި ވަނީ 2009 ވަނަ އަހަރު އެވެ.

ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެ އެވެ.

comment ކޮމެންޓް