ތައި މުޒާހަރާތަކުގެ ލީޑަރަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ނޭވާ ހާސް ކުރުމުން ހޮސްޕިޓަލަށް

ތައިލޭންޑުގެ ޑިމޮކްރަސީ ހަރަކާތުގެ ލީޑަރަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ނޭވާ ހާސް ކުރުމުން ހޭ ނެތިފައި -- ފޮޓޯ: އަލްޖަޒީރާ

ބޭންކޮކް (ނޮވެމްބަރު 1): ތައިލޭންޑަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލާ ހަރަކާތުގެ ލީޑަރަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ ނޭވާ ހާސް ކުރުމުން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

ތައިލޭންޑުގެ މީޑިއާތަކުން ބުނި ގޮތުގައި ޕަނުޕޮންގް "މައިކް" ޖަޑްނޮކް ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރީ، ފިތުނަ އުފެއްދުމުގެ ތުހުމަތުގައި މިދިޔަ މަހުގެ މެދުތެރޭގައި އޭނާ ހައްޔަރު ކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ ދޫކޮށްލިތާ މާ ގިނަ އިރުތަކެއް ނުވެ އެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުނީ އާދައިގެ ހެދުމުގައި ހުރި ފުލުހެއް ކަމަށާއި އެ ވަގުތު އޭނާގެ ކަރުގައި ހިފާ ނޭވާ ހާސް ކުރުމުގެ ސަބަބުން ޕަނުޕޮންގް ހޭ ނެތުނު ކަމަށް ތައި ނޫސްތަކުން ބުންޏެވެ.

އޭގެ ފަހުން ޕަނުޕޮންގްއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ކަމާ ގުޅުން ހުރި މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ޕަނުޕޮންގްއާ އެކު ހައްޔަރު ކުރި، ޑިމޮކްރަސީ ހަރަކާތުގެ އިތުރު ދެ ލީޑަރުން ކަމަށްވާ ޕަނުސަޔާ "ރަންގް" ސިތިޖަރަވައްޓަނަކުލް އާއި ޕަރިތު "ޕެންގުއިން" ޗިވަރަކް ވެސް ހުކުރު ދުވަހު ދޫކޮށްލި އެވެ. އަދި އެ ހަރަކާތަށް ތާއިދު ކުރާ 300 ވަރަކަށް މީހުންް އޭރު ޕޮލިސް ސްޓޭޝަން ބޭރުގައި ތިބި އެވެ. ނަމަވެސް އިއްޔެ ފުލުހުން ގޮސް އެ ދެ މީހުންނާ ސުވާލު ކުރަން އަނެއްކާވެސް ގެންދިޔަ އެވެ.

ޑިމޮކްރަސީ ހަރަކާތަށް ތާއިދު ކުރާ ކުރީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ތޮސަޕޯން ސެރަރަކް ބުނި ގޮތުގައި ޕަނުސަޔާ އާއި ޕަރިތުއާ ފުލުހުން ސުވާލު ކުރި ފަހުން އެ ދެ މީހުންވެސް ބަލިވެފައި ވާތީ އެ ދެ މީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ދެ މީހުން ތިން ދުވަސް ވަރު ވަންދެން ހޮސްޕިޓަލްގައި ބައިތިއްބާނެ ކަމަށް ބެލެވެ އެވެ.

ތައިލޭންޑުގެ ވެރިކަމަށް ބަދަލުތައް ގެނައުމަށް ގޮވާލާ އެގައުމުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިން ދަނީ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ އިސްތިއުފާ ދެއްވުމަށާއި ގާނޫނު އަސާސީ އާއި ރަސްކަމަށް އިސްލާހު ގެނައުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް