އިންތިޚާބަށްފަހު އެމެރިކާގައި ހަމަނުޖެހުން އުފެދިދާނެތީ ވައިޓް ހައުސްގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ވައިޓް ހައުސްގެ ކައިރީގައި ހަތިޔަރާއެކު ސަލާމަތީ ބާރުތަށް

ވޮޝިންޓަން (އޮކްޓޯބަރު 31) : އަންނަ އަންގާރަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު ވެރިރަށް ވޮޝިންޓަންގައި އުފެދިދާނެ ހަމަނުޖެހުންތަކަކަށް ބަލައި ވައިޓް ހައުސްގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

ވޮޝިންޓަނުން ލިބޭ ޚަބަރުތަކާއި ރިޕޯޓްތައް ބުނާގޮތުން ވޮޝިންޓަން ސްޓޭޓްގެ ފުލުހުންނާއި ފެޑްރަލް ފުލުހުން (އެފްބީއައި) އިން ގެންދަނީ ވައިޓް ހައުސްއާއި ވައިޓް ހައުސް ގެ ވަށައިގެންވާ ގްރީންޒޯން ހިމެނޭ ސަރަހައްދުގެ އިމާރާތްތައް ރައްކާތެރި ކުރުމަށްޓަކައި ސަލާމަތީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ނެޝަނަލިސްޓް ހަރުކަށި ގްރޫޕްތައް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މިހާރުވަނީ ފާޅުވާން ފަށާފައެވެ. މީގެތެރެއިން ބައެއް ގްރޫޕްތައްވަނީ ހަތިޔާރާއެކު އެމީހުންގެ ބާރުވެސް ދައްކަން ފަށާފައެވެ.

ވައިޓް ހައުސް އާއި ގްރީން ޒޯންގައި ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރަނީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ބަޔަކު ވޯޓުލާ ދުވަސްކަމަށްވާ ނޮވެމްބަރު 3 ވަނަ ދުވަހު ނޫނީ އިންތިޚާބުގެ ނަތީޖާއަށްފަހު އެމެރިކާ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓުން ވަރަށް ގާތްކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުންވެސް ދެކޭކަމަށް އެމެރިކާގައި ހަރަކާތްތެރިވާ ބޭރުގެ މުރާސިލުން ބުނެއެވެ.

ވައިޓް ހައުސްގެ ކަިއރީގައި ސަލާމަތީ ބާރުތަށްވޮޝިންގްޓަންގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލެއް ކަމަށްވާ އަބްދުލްމުންޢިމް އަލްއުމްރާނީ ވިދާޅުވިގޮތުގައި ވޮޝިންޓަން ސްޓޭޓްގެ ފުލުހުންނާއި ފެޑްރަލް ފުލުހުން ގެންދަނީ ނޮވެމްބަރު 3 ވަނަ ދުވަހު ނުވަތަ އެރޭގައި ހަމަނުޖެހުންތަކެއް އުފެދިދާނެކަމަށް ބަލައި ވައިޓް ހައުސްއާއި އެތަނުގެ ވަށައިގެންވާ ގްރީންޒޯން ސަރަހައްދުގެ އިމާރާތްތަށް ރައްކާތެރި ކުރުމަށްޓަކައި ސަލާމަތީ ގޮތުން ފިޔަވަޅުތަށް އަޅަމުންނެވެ. އިންތިޚާބުގެ ނަތީޖާއަށްފަހު އެމެރިކާ ބޮޑު ހަމަނުޖެހުންތަކެއްގެ ވެއްޓޭނެކަމަށް އެމެރިކާގެ އާންމުންވެސް ލަފާކުރާ ކަމަށް އަބްދުލްމުންޢިމް ވިދާޅުވިއެވެ.

އެެމެރިކާގެ މައި ދެޕާޓީގެ ސިޔާސީ ވަދަވެރިކަން ގަބީލާތަކުގެ ސްޓައިލަށް

އެމެރިކާގެ މައިދެޕާޓީގެ ސިޔާސީ ވާދަވެރިކަން ޑިމޮކްރެޓިކް ހަމަތަކުން ނެއްޓި ގޮތެއް ފޮތެއްނެތް ގަބީލާގެ އުސޫލަށް އެދެޕާޓީގެ ވާދަވެރިކަމާއި ލީޑަރުންގެ ބަސްމަގު ގޮސްފައިވާ ކަމަށް އެމެރިކާގެ ތިންކްޓޭންކުންވެސް މިހާރު ދެކެއެވެ. ސިޔާސީ މީހުންގެ ދަލުގައި ޖެހިފައިވާ އާންމުންގެ ފަރާތުންވެސް ފެންނަނީ ތަހުޒީބު ޑިމޮކްރަސީއެއްގައި ވާދަވެރިން ހަރަކާތްތެރިވާ ގޮތްތަކުގެ ބަދަލުގައި ނާތަހުޒީބު ގަބީލާތަކުގެ ވާދަވެރިކަމުގެ އުސޫލަށް ހަރަކާތްތެރިވާތަން ކަމަށް އެމެރިކާގެ ތިންކްޓޭންކެއް ކަމަށްވާ ކެވިން ޖޭމްސް ބެރިޓް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވިޔަސް އަދި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބު ކުރެއްވިޔަސް އެމެރިކާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓޭނެކަމަށް އެގައުމުގެ މަސްރަހު ތަހުލީލު ކުރާ ފަރާތްތަކުން ދެކެއެވެ. ޓްރަމްޕްވަނީ އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖަނަމަ އިންތިޚާބުގެ ސައްހަކަން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތަށް ވިދާޅުވެ ޓްރަމްޕްގެ އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ޚިޔާލެއް އަދި ފިކުރެއްނެތް އޭނާގެ ސަޕޯޓަރުން ތިބީ ވާގިވެރިވާ ގޮތަށްކަމަށް ވޮޝިންޓަން ޕޯސްޓް ބުނެއެވެ.

އެމެރިކާގެ ހާލަތު ޑިމޮކްރަސީގެ ގޮތުން އެންމެ ބަލިކަށި ގައުމުތަކުގެ ފެންވަރަށް

އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ "ފޮރިން ޕޮލިސީ" ބުނާގޮތުން އެމެރިކާގެ ޑިމޮކްރަސީ މިހާރު އޮތީ ދުނިޔޭގައި ޑިމޮކްރަސީގެ ގޮތުން އެންމެ ބަލިކަށި ގައުމުތަށް ކަމަށްވާ އެފްރިކާގެ ގައުމުތަކާއި ވެނެޒުއެލާ ފަދަ ވޯޓު އޮޅުވާލާކަމަށް އެއްކެންޑިޑޭޓަކުން އަނެއް ކެންޑިޑޭޓުގެ މައްޗަށް ތުހުމަތުކޮށް ހަމަނުޖެހުންތަށް އުފައްދާ ގައުމުތަކުގައި ކަންއޮންނަ ހާލަތަށް ގޮސްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް