ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނުގައި ތުހުމަތުވާ މީހުންނަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރި މައްސަލާގައި މި މަހުގެ 28 ވަނަ ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެ ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ.
ޖުޑީޝަރީ ކޮމެޓީން މިހާރު ވަނީ މައްސަލަ ނިންމާ، ތިން ހުށަހަޅުމަކާއެކު ރިޕޯޓު ފާސްކޮށްފައެވެ.
ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލައާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލިޔުމުން ކޮމިޓީއަށް ހިއްސާކޮށްފައިވާ މައުލޫމާތާއި، 28 އޮކްޓޫބަރުގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ހިއްސާކުރެއްވި މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއްގެ ގޮތުގައި ހިއްސާކުރައްވާފައިވާ މައުލޫމާތުތަކަށް ވާތީ، މައްސަލައާ ގުޅުންހުރި ތަފްސީލީ މައުލޫމާތުތައް ހާމަކުރުމަކީ ކުރިއަށް އޮތް ތަނުގައި އެ މައްސަލައާމެދު ފިޔަވަޅުތައް އެޅުމުގައި ހުރަހަކަށް ނުވަތަ ނުފޫޒަކަށްވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވިދާނެތީ، އެ މައުލޫމާތުތައް ރިޕޯޓުގައިީ ހާމަނުކޮށް، އެ މައްސަލައާމެދު ކޮމިޓީން ހުށަހަޅާ ގޮތް ރިޕޯޓުގައި ހާމަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓާއި މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުން އެ މައްޗަށް ބިނާކުރެއްވި ސަބަބުތަކާއި، ކޮމެޓީގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހިއްސާކުރައްވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، މައްސަލައާ ގުޅިގެން ތިން ހުށަހެޅުމެއް ކޮމިޓީގެ ރެކޮމެންޑޭޝަންތަކެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ކޮމެޓީއަށް ފެންނަކަމަށް ވަނީ ފާސްކޮށްފައެވެ.
ފުރަތަމަ ހުށަހެޅުމަކީ ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތުތައް ޕީޖީ ހޯއްދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަފާއެރުވުމެވެ.
ދެވަނަ ހުށަހެޅުމަކީ ކޮމެޓީގެ ފުރަތަމަ ހުށަހެޅުމުގައި ބަޔާންކުރާގޮތަށް އަމަލުކުރުމާއެކު، މައްސަލަ އަލުން މުރާޖައާކުރުމަށް ޕީޖީއަށް ލަފާއެރުވުމެވެ.
އަދި މައްސަލަ އަލުން މުރާޖައާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތް ޖުޑިޝަރީ ކޮމިޓީއަށް އެންގުމަށް ޕީޖީއަށް ދެންނެވުމަށް ވެސް ހިމަނާފައިވެއެވެ.
ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފޮނުވިއެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނާއި އެ އޮފީހުގެ ބައެއް އާންމު މުވައްޒަފުންނެވެ.
އެހެން ނަމެވެސް ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭނެ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ.
އެމައްސަލަ އަލުން ރިވިއުކޮށްދިނުމަށް އޭސީސީއިން ވަނީ އަނެއްކާވެސް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.