މަހްލޫފާއި ދަރިފުޅު އެލީގެ އަޑުން "ކިޔާދޫ ތަކުން މީ" ގެ ކަވާއެއް!

އެލީ، މަހްލޫފްއާއި ނަޒޫއާއި އެކީ ލަަވަ ރިކޯޑު ކުރަނީ --- ފޮޓޯ: ނަޒޫ

ކުރިއަށްއޮތް ނަސްރުގެ ދުވަހުގެ ހާއްސަކަން މާބޮޑަށްވެސް އިތުރުވެއްޖެ އެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އާއި ދަރިފުޅު ލައިބާ އަހުމަދު މަހުލޫފު (އެލީ)ގެ އަޑުން މިވަނީ، "ކިޔާ ދޫ ތަކުން މީ"ގެ ކަވާއެއް ތައްޔާރުކޮށްފަ އެވެ. ލަވައިގެ ކުޑަ ޓީޒާއެއް މިހާރު ވަނީ ނެރެފަ އެވެ. އިންތިޒާރު ކުރެވެނީ ނޮވެމްބަރު 3ގައި މި ލަވަ ރިލީޒް ކުރެވޭނެ ވަގުތަކަށެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވި ގޮތުގައި އެ ލަވައަކީ އޭނާގެ ދަރިފުޅު އެލީ، ގައުމީ ލަވައެއް ކިޔާހިތުން، ވަރަށް ގިނަ ލަވަތަކެއް އަޑުއެހުމަށް ފަހު އަމިއްލަ އަށް އިހުތިޔާރު ކުރި ލަވައެކެވެ.

"އެލީ އަބަދު ވެސް ވަރަށް ލަވަ ކިޔާނެ. ދެން ގައުމީ ލަވައެއް ކިޔާހިތުން ވަރަށް ގިނަ ލަވަ އަޑުއަހަމުން ގޮސް އެލީ އަށް ރީތިވި ލަވަ މިއީ. އެލީ އަމިއްލަ އަށް ޗޫޒް ކުރީ،" ލަވަ އިހުތިޔާރު ކުރި ގޮތާއި ބެހޭގޮތުން ނަޒޫ ވިދާޅުވި އެވެ.

"ކިޔާ ދޫ ތަކުން މީ" ލަވަ އިހުތިޔާރުކޮށް ލަވަ ފަރިތަކޮށް، ރިކޯޑިން ނިންމާ އަދި ވީޑިއޯ ނެގުމަށް ހޭދަވީ އެންމެ ދެ މަހެވެ. އެހެންނަމަވެސް ލަވަ އާއި މަދަހަ ކިޔުމަކީ އެލީ މާ ކުޑައިރުއްސުރެވެސް ކުރާހިތްވި އޭނާގެ ހޮބީ އެކެވެ.

މިގޮތުން ދެމައިންނަށްވެސް އެންމެ ހާއްސަވީ އަދި އެލީގެ ލަވަކިޔުމުގެ ފެށުމަކަށްވީ އެއް ލަވައަކީ 1983 ގައި ރިލީޒްކުރެވުނު މަޝްހޫރު "އަންދާ ގާނޫނު" ފިލްމުގެ "ރޯތޭ ރޯތޭ" ލަވަ އެވެ. ނަޒޫ ވިދާޅުވީ މިއީ އޭނާ ވަރަށް ކުޑައިރުއްސުރެ ވެސް ބައްޕަ އާއި އެކީގައި ބެއްލެވި ފިލްމެއް ކަމަށާއި މި ލަވަ އަބަދުވެސް ވަރަށް އަޑުއަހާ އުޅޭކަމަށެވެ.

މި ލަވައިގައި ބައްޕައަކާއި ދަރިއެއްގެ ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދޭއިރު، މަހްލޫފު ޖަލުގައި ހުންނަވަނިކޮށް އެއްދުވަހު އެލީއަށް ވެސް މި ލަވަ އަޑުއިވި، ކަމުގޮސް އާއިލީ ބައްދަލުވުންތަކުގައި ވެސް މި ލަވަ ކިޔާ އުޅުނު ކަމަށާއި މަހްލޫފު މިނިވަންވެ ގެއަށް ވަޑައިގަތުމުން ވެސް މި ލަވަ އެލީއާއި އެކުގައި ކިޔުއްވި ކަމަށް ނަޒޫ ވިދާޅުވި އެވެ. އަދި ފަހުން ލަވަކިޔުންތެރިޔާ ޝަލަބީއާ އެކު މި ލަވައިގެ ކުޑަ ރީމޭކްއެއް އެލީ ކިޔާފައިވާނެ ކަމަށް ނަޒޫ ވިދާޅުވި އެވެ.

އެ ތަޖުރިބާއަށް ފަހު، ސްޓޫޑިއޯއެއްގައި އުމުރުން އެންމެ ހަތް އަހަރުގެ އެލީ ކިޔާލި ފުރަތަމަ ލަވައަކީ ނޮވެމްބަރު 3ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ކިޔާދޫ ތަކުން މީ" އެވެ.

މި ލަވައިގެ އޮރޮޖިނަލް އަކީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއާ ގުޅިގެން ރިލީޒްކުރެވުނު ލަވަ އެވެ. މި ލަވައިގައި އޭރުގެ ގިނަ ލަވަކިޔުންތެރިންގެ އަޑު އިިވިގެން ދެއެވެ.

މަހްލޫފާއި އެލީގެ ކަވާގެ މިޔުޒިކާއި ރިކޯޑިން ހަދާދީފައިވަނީ ކުޑަ އިއްބެ އެވެ. އަދި ވީޑިއޯގެ މަސައްކަތްތަކާއި ކޮރިއޯގްރަފީ ކުރިއަށް ގޮންގޮސްފައިވަނީ ނެށުންތެރިޔާ ނުހާއާއި، ބަގްސީ، އަދި ކޮކީގެ ފަރާތުންކަމަށް ނަޒޫގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ. އަދި ލަަވައިގެ ކަންކަމުގައި ތޭރަވާގެ އެހީތެރިކަންވެސް ފާހަގަކޮށް އެފަރާތްތަކަށް އޭނާވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ސިޔާސީ ދާއިރާއިން ގިނަ ބައެއްގެ މަގުބޫލުކަން ލިބިވަޑައިގަތް މަހޫލުފުވަނީ މީގެ ކުރިންވެސް އެކި ޓީވީތަކުގައާއި މިއުޒިކް ޝޯތަކުގައި ލަވަ ވިދާޅުވެފައެވެ. ނަޒޫ ވިދާޅުވީ މަހުލޫފުގެ ލަވަކިޔުމުގެ ހުނަރު އެގިގެންދިޔައީ މާފަހުން ކަމަށާއި އެއީ ކައިވެންޏަށްފަހު މެލޭޝިއާގައި ދިރިއުޅުއްވަނިކޮށް ފެށުނު ކަމެއް ކަމަށެވެ.

" މާކުރީއްސުރެ ޓެލެންޓްހުންނަ ކަން އެނގިގެން އެހެންވީކަމެއް ނޫން އެއީީ. މެރީކޮށްގެން މެލޭޝިއާގައި އުޅެނިކޮށް އެންމެ ފުރަތަމަ ލަވައެއް ޕްރެކްޓިސް ކުރެއްވީ. އޭރު ވަރަށް ގިނައިން ކިޔުއްވާނެ ހަމްދީބެގެ 'ކިޔާދެއްވަވާށޭ' އެލަވަ. ދެން މާފަހުން އެއްދުވަހަކު މަގުމަތިން ހަމްދީބެއާއި ދިމާވެގެން ލަވަކިޔާހިތްވާ ވާހަކަ ދެންނެވީމަ، އޭރު ނަޒާރާ ބޭންޑާއި އެކު އޮލިމްޕަހުގައި އޮތް ޝޯއެއްގައި ލަވަ ކިއުމަށް ފުރުސަތު ލިބުނީ." މަހުލޫފު ލަވަ ކިޔަން ފެއްޓެވި ގޮތާއި ބެހޭގޮތުން ނަޒޫ ވިދާޅުވި އެވެ.

އެއަށްފަހު ބޮޑެތި ޓީވީ ޝޯތަކުން މަހުލޫފަށް ހުށަހެޅުންތައް ލިބެން ފެށިއެވެ. އެހެންނަމަވެސް ދަރިފުޅާއި އެކު ލަވައެއް މިގޮތަށް ކިޔާލަން ލިބިވަޑައިގަތުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ސިފަކުރައްވާ އެކަމާ ވަރަށް އުފާވާކަމަށް މަހުލޫފު ވިދާޅުވި އެވެ.

ލަވަކިޔުމާއި އެއްވަރަށް މަދަހައަކީވެސް އެލީ ޝައުގުވެރިވާ ކަމެކެވެ. އެހެންކަމުން އުމުރުން ފަސް އަހަރުއްސުރެ، އެލީ އަންނަނީ ވޮއިސް ޓްރެއިނިންވެސް ޝަފީގް ސާރ އާއި އެއްކޮށް ކުރިއަށް ގެންދަމުންނެވެ.

މީގެއިތުރުން ނަޒޫ ވިދާޅުވީ ލަވައިގެ މަސައްކަތް ފުރަތަމަ ކުރަން ފެށިއިރު ރަވާލީ ނަޒޫއާއި މަހްލޫފްއާއި އެލީގެ އަޑުން މި ލަވަ ކިޔާލުމަށްކަމަށާއި ނަމަވެސް ވަގުތު ކުޑަވުމާއެކު އެލީ އާޢި މަހްލޫފް އެކަނި ކުރިއަށް ގެންދެވީކަމަށެވެ.

ލަވައިގެ ޓީޒާ ޓްވީޓް ކުރުމާއިއެކު އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. ކުޑަކުޑަ އެލީއާއި މަހުލޫފުގެ ހުނަރުވެރިކަން ފެނިގެންދާއިރު، އިތުރު ފުރިހަމަ ކަމެއް ވީޑީއޯއަށް ގެނެސްދެނީ އެލީ އަށް ނެށުން ދަސްކޮށްދެމުން އަންނަ ނުހާއާއި އެނާގެ ޓީމުގެ މޮޅު ފައިހަމަ ކުރުންތަކުންނެވެ. ނަޒޫ ވިދާޅުވީ އެލީގެ ކުޑަ ހުށަހެޅުމެއްވެސް ވީޑިއޯގައި ހިމެނޭނެ ކަމަށެވެ.

ލަވަ ކިއުމަކީ އެލީ ނުހަނު ކުރާހިތުން ކުރާ ކަމަށްވިޔަސް، ވީޑިއޯކޮށް މީހުންގެ ތެރެއަށް މިފަދައިން ނުކުތުމަކީ އެއްވެސް އިރަކު މާބޮޑަށް އޭނާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް ބައްޕައާއި އެކު ކުރެވުނު މި ފުރަތަމަ މަސައްކަތާއިމެދު އެލީ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ނޮވެމްބަރު 3 ގައި އެލީގެ މި ހުށަހެޅުން ފެނިގެންދާއިރު، ނަޒޫ ދިން އެންމެ އުފާވެރި އެއް ހަބަރަކީ މިހާރުވެސް އެހެން ގައުމީ ލަވައެއްގެ މަސައްކަތް އެލީ ކުރަމުން އަންނަ ކަމެވެ.

comment ކޮމެންޓް