10 މީހުންގެ ގްރޫޕުތަކުން ރަށަކަށް ދާނަމަ ނެގެޓިވް ރިޒަލްޓެއް އޮންނަން ޖެހޭނެ

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ ކޮވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރާއްޖޭގެ ރަށަކުން، ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް، 10 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވާން ދާނަމަ، ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭ ގޮތަށް އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.

ގިނަމީހުން އެކުގައި ފުރަބަންދު ކަރަންޓީނަށް ދާ މީހުންގެ މެދުގައި ކޮވިޑް19 ފެތުރިގެން ދިއުން ކުޑަކުރުމަށްޓަކައި، 10 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވާން ދާނަމަ އެއްކޮށް ތިބުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން އެ އުސޫލުގައި 10 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެއް ކޮޓަރިއެއް ނުވަތަ ޑޯމިޓަރީއެއްގައި ނުވަތަ ބެރެކްސްއެއްގައި އެކުގައި ފުރަބަންދު ކަރަންޓީނުވުމުގައި އަމަލުކުރަންވާ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

އުސޫލުގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވާ ރާއްޖެއަށް އަންނަ ބިދޭސީންގެ ނެގެޓިވް ޕީސީއާރް ރިޒަލްޓެއް އޮންނަން ޖެހޭނެ ކަމަށާއި އެގޮތަށް ހަދާ ޕީސީއާރް ޓެސްޓުގެ ސާމްޕަލް ނަގަންވާނީ، ރާއްޖެ އައުމަށް ފުރާ ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައި ކަމަށެވެ.

ރާއްޖެ އައުމަށް ކުރާ ދަތުރު މަތީގައި ޓްރާންސިޓް ކުރަންޖެހޭނަމަ ޕީސީއާރް ޓެސްޓުގެ ނަތީޖާ ގަބޫލުކުރާނީ ޓްރާންސިޓުގައި 24 ގަޑިއިރަށްވުރެ އިތުރު ނުވާނަމައެވެ.

ރާއްޖެ އައުމަށް ކުރާ ދަތުރުގައި 24 ގަޑިއިރަށްވުރެ ދިގު ޓްރާންސިޓް ކުރާނަމަ، ޓްރާންސިޓްކުރި ތަނުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައި، އަލުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެއެވެ.

ރާއްޖޭން ބޭރުން އަންނަ ބައެއްނަމަ، އެންމެ އެދެވިގެންވަނީ މާލެ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި މަޑުނުކޮށް ވީހާވެސް އަވަހަށް ކަރަންޓީނުވާން ދާ ރަށަށް ދަތުރު ކުރުން ކަމަށާއި ދަތުރު ކުރެވެންދެން މަޑުކޮށްގެން ތިބޭ މުއްދަތުގައިވެސް ތިބެންވާނީ ކަރަންޓީނު ވެގެން ކަމަށް އުސޫލުގައިވެއެވެ.

ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީން ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ދާނަމަ، ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެއެވެ. އަދި އެގޮތަށް ދާނަމަ ނެގެޓިވް ޕީސީއާރް ނަތީޖާ އޮންނަން ޖެހޭނެއެވެ.

ކޮވިޑް19ގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ނަމަ، ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ދަތުރު ނުކޮށް މަޑުކުރަން ޖެހޭނެއެވެ. އަދި ދަތުރުކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށް ފަހު މަދުވެގެން 48 ގަޑިއިރު ވުމަށްފަހުގައެވެ.

ކަރަންޓީނުވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިޔަސް، ރަށަށް ދިއުމަށްފަހު، ކަރަންޓީނުވުމުގެ އާންމު އުސޫލާއި އެއްގޮތަށް 14 ދުވަހުގެގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި 14 ދުވަސް ފުރިހަމަވުމުން ޕީސީއާރް ޓެސްޓު ހަދާ ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލެވޭނެއެވެ. ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އަމަލުކުރާނީ ޕޮޒިޓިވްވާ މީހުންނަށް ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

ކަރަންޓީނުވާން ގެންދާ މީހުންނާއި ހަވާލުވާނެ ސުޕަވައިޒަރެއް ނުވަތަ ބެލެނިވެރި ފަރާތެއް ހުރުން އުސޫލުގައި ލާޒިމުކުރެއެވެ. އަދި ކަރަންޓީނުވާން ކަނޑައަޅާފައިވާ ތަނަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ހުރި ތަނަކަށް ވާން ޖެހޭނެއެވެ.

ގިނަ މީހުން އެއްކޮށް ކަރަންޓީނުވެފައި ތިބުމުން އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާތީ އާއި އަދި އެއްކޮށް ގިނަ ބަޔަކު ތިބުމުގެ ސަބަބުން އެތަނުން މީހަކު ފައްސިވެއްޖެނަމަ ގިނަ އަދަދެއްގެ މީހުންތަކެއް ކޮންޓެކްޓުންނަށްވެ އަދި ގިނަ މީހުންގެ ކަރަންޓީނު މުއްދަތު އިތުރުކުރަން ޖެހޭތީ ކަރަންޓީނުވެ ތިބޭއިރު، މަދު މީހުން އެއްތަނެއްގައި ތިބޭގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް އުސޫލުގައި ބުނެފައިވެއެވެ.

ކަރަންޓީނުގެ މުއްދަތުގައި އެއްކޮށް ކަރަންޓީނުވެފައި ތިބޭ މީހުން އެހެން މީހުންނާ ބައްދަލުކުރުން މަނާވާނެއެވެ. އަދި ރައްކާތެރިކަމާއެކު ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެއްޗާއި ކެއުން ބުއިމަށް ބޭނުންވާ ތަކެތި ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ. އަދި އެންމެން އެއްގަޑިއެއްގައި އެއްތަނެއްގައި ތިބެގެން ކެއުން އެދެވިގެން ނުވާ ކަމަށް ވެސް އުސޫލުގައި ވެއެވެ.

އުސޫލުގައި ވާ ބައެއް އިތުރު ކަންކަން:

  • އެނދުތައް ތިން ފޫޓުގެ ދުރުމިނުގައި ބެހެއްޓުން
  • ކޮންމެ 10 މީހަކަށް އެއް ފާހާނާ ހުރުން
  • އުޅޭތަނާއި ފާހާނާ މަދުވެގެން ދުވާލަކު އެއް ފަހަރު ސާފުކޮށް ޑިސްއިންފެކްޓް ކުރުން
  • ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން
  • ކުނި އެޅުމަށް ދެ ކޮތަޅު ލައްވާފައިވާ މަތިޖެހި ޑަސްޓްބިން ހުރުން

ކަރަންޓީނުގެ މުއްދަތުގައި ބަލީގެ އަލާމާތެއް ފެންނަ މީހުންގެ ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެއެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސައި، އ އިންތިޒާމު ހަމަޖެއްސެން ނެތްނަމަ އެމީހަކު މާސްކް އަޅުވައި، އެހެން މީހުންނާއެކު އުޅުމުގައި މަދުވެގެން ހަ ފޫޓުގެ ދުރުމިން ބެހެއްޓޭގޮތަށް ހަމަޖައްސަން ޖެހޭނެއެވެ.

އަދި އެތަނުގައި އުޅޭ އެހެން މީހުންވެސް މާސްކް އަޅަން ޖެހޭނެއެވެ.

އަލާމާތްތައް ފެންނަ މީހުންގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ، ކަރަންޓީނުގެ 14 ދުވަހުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ.

ކަރަންޓީނު މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕްގައި ހިމެނޭ އެއްވެސް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އޭނާއާއެކު އުޅުނު އެންމެންގެ ކަރަންޓީނު މުއްދަތު އިތުރުވާނެއެވެ.

comment ކޮމެންޓް