ރަސޫލާގެ ކާޓޫނު ކުރެހުމާ ދެކޮޅަށް އެތައް ހާސް މުސްލިމުން މުޒާހަރާކޮށްފި

ފްރާންސް އާއި އެގައުމުގެ ރައީސާ ދެކޮޅަށް އިއްޔެ އެތައް ހާސް މުސްލިމުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: އޭޕީ

ދުބާއީ (އޮކްޓޯބަރު 31): ކީރިތި ރަސޫލާގެ ކާޓޫނު ކުރެހުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ހައްގު ރައްކާތެރިކޮށް ދޭނެ ކަމަށް ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވުމާ ގުޅިގެން އިއްޔެ ހުކުރު ނަމާދަށް ފަހު އެކި ގައުމުތަކުގައި އެތައް ހާސް މުސްލިމުން މުޒާހަރާކޮށްފި އެވެ.

މެކްރޮން އިސްލާމް ދީނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ފްރާންސުގެ ސްކޫލެއްގައި ރަސޫލާގެ ކާޓޫނުތަކެއް ދެއްކި ޓީޗަރަކު މި މަހުގެ 16ގައި މަރާލުމާ ގުޅިގެން އޭނާގެ ދިފާއުގައި ދެއްކެވި ވާހަކަފުޅެކެވެ. އޭގެ ސަބަބުން ފްރާންސަށް މުސްލިމް ދުނިޔޭގެ ނުރުހުން އަމާޒުވީ، ރަސޫލާގެ ކާޓޫނުތަކެއް މީގެ ކުރިން ވެސް ޝާއިއު ކުރި ޗާލީ ހެބްޑޯ މެގަޒިން އިން މިދިޔަ މަހު އަނެއްކާ ވެސް އެ ކާޓޫނުތައް ޝާއިއު ކުރުމުން މުސްލިމުން ރުޅިގަދަވެފައި ވަނިކޮށެވެ.

އެހެންކަމުން އިއްޔެ ފްރާންސް އާއި މެކްރޮން އާ ދެކޮޅަށް މުޒާހަރާތައް ބޭއްވި ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، ބަންގުލަދޭޝް، ލުބުނާން، ތުރުކީ، ފަލަސްތީން އަދި އަފްގާނިސްތާން ހިމެނެ އެވެ.

އެގޮތުން ޕާކިސްތާނުގައި 10،000އަށް ވުރެ ގިނަ މީހުން މުޒާހަރާ ކުރި އިރު އޭގެ ތެރެއިން އިސްލާމްއާބާދުގައި ބޭއްވި މުޒާހަރާތަކުގައި ބައެއް މީހުން ފްރާންސުގެ އެމްބަސީއަށް މިސްރާބު ޖެހުމުން ހަމަނުޖެހުންތައް ހިނގި އެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ.

ލުބުނާނުގައި ބޭއްވި މުޒާހަރާތަކުގައިވެސް ފްރާންސުގެ އެމްބަސީ ކައިރިއަށް ދާން މީހުން މަސައްކަތް ކުރި އެވެ. އަދި އެ މީހުން ހުއްޓުވި ފުލުހުންނާ ދިމާލަށް ބައެއް މީހުން ގާ އުކުމުން އެ އެއްވުމުގެ ތެރެއަށް ފުލުހުން ކަރުނަ ގޭސް ޖެހި އެވެ.

ފަލަސްތީނުގައި ހުކުރު ނަމާދަށް ފަހު އަލް އަގްސާ މިސްކިތުގެ ބޭރުގަ އާއި ގާޒާގައި މުޒާހަރާތައް ކުރިއަށްގެންދިޔަ އެވެ.

މީގެ އިތުރުން އަފްގާނިސްތާނުގެ މުޒާހަރާތަކުގައި އިސްކޮށް ތިބި މީހުން ގޮވާލި ކަންތައްތަކުގެ ތެރޭގައި ފްރާންސުގެ އެމްބަސީ ބަންދު ކުރުމަށާއި އެގައުމުގެ އުފެއްދުންތައް އެތެރެ ކުރުން ހުއްޓާލުމަށާއި އެގައުމުގެ ރައްޔިތުން ޒިޔާރަތް ކުރުން މަނާ ކުރުން ހިމެނެ އެވެ.

ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭނެއް މީގެ ކުރިންވެސް މުސްލިމުންގެ އާބާދީ ބޮޑު ބައެއް ގައުމުތަކުގައި ވަނީ ފަށާފަ އެވެ.

comment ކޮމެންޓް