ތިން ވަނަ ކުއާޓަރުގައި ގެވެށި އަނިޔާ އިތުރުވެއްޖެ

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ގެވެށި އަނިޔާ ލިބުނު ކުދިންނާއި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

ފުރަތަމަ ކުއާޓަރުގައި ކުޑަކުދިންގެ ހިމެނޭ މައްސަލަތަކާއެކު ގެވެށި އަނިޔާގެ 190 މައްސަލަ ރިޕޯޓުކުރި އިރު، ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 151 އަށް ދަށްވެފައެވެ.

ނަމަވެސް ތިން ވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 242 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެފްޕީއޭ އިން ބުންޏެވެ.

ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ 115 އަންހެނުންނާއި، 67 އަންހެން ކުދިންނާއި، 35 ފިރިހެނުންނާއި 25 ފިރިހެން ކުދީންނެވެ.

ގެވެށި އަނިޔާގެ އަމަލު ހިންގި ކަމަށް 220 މީހެއްގެ މައްސަލަ ރިޕޯޓުކުރި އިރު، އޭގެ ތެރޭގައި ހިމެނެނީ 182 ފިރިހެނުންނާއި 37 އަންހެނުންނާއި، ޖިންސުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައި ނުވާ މީހެކެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. އޭގެ އިތުރުން ޖިސްމާނީ އަނިޔާކުރުމާއި، ބިރު ދެއްކުމާއި، ޖިންސީ އަނިޔާކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ގޯނާކުރުމާއި، ފާރަލުމާއި، މާލީ ގޮތުން ދަތިކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.

ޖިސްމާނީ އަނިޔާކޮށް، ބިރުދައްކައި، ބަހުގެ ހަމަލާދީ ނަފްސާނީ އަނިޔާދޭ ކަމަށް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ ފަރާތުންނެވެ.

ޖިންސީ އަނިޔާ ލިބޭކަމަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަސަބުގެގޮތުން ނުވަތަ ގާތްތިމާގެ ކަމުގެގޮތުން ނުވަތަ ކައިވެނީގެ ގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުންނެވެ. އެމީހުންގެ ފަރާތުން ވެސް ގިނަ އަދަދަކަށް ބަހުގެ ހަމަލާދީ ނަފްސާނީ އަނިޔާ ލިބޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ ފަރާތުން ގެވެށި އަނިޔާ ލިބިގެން 206 މީހަކު ރިޕޯޓުކޮށްފައި ވާއިރު، ނަސަބުގެގޮތުން ނުވަތަ ގާތްތިމާގެ ކަމުގެގޮތުން ނުވަތަ ކައިވެނީގެ ގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުންގެ ފަރާތުން އަނިޔާ ލިބިގެން 154 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މައިންބަފައިން، ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެ ގޮތުން ނުވަތަ
ބަލަދުވެރިއެއްގެ ގޮތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހުންގެ ފަރާތުން އަނިޔާ ލިބިގެން 94 މައްސަލަ އަދި، ޒާތީގުޅުން އޮންނަ މީހުންގެ ފަރާތުން އަނިޔާ ލިބިގެން 67 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.

ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ 10 މީހަކާއި، ހާއްސަ އެހީއަށް ބޭނުންވާ ހަތަރު މީހުންނާއި ނަފްސާނީ ބައްޔެއް ހުންނަ ފަސް މީހުންނާއި ދެ ބިދޭސީންން ހިމެނެއެވެ.

comment ކޮމެންޓް