މާޝަލް އައިލެންޑްސްއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ކޭސްތައް ފެނިއްޖެ

މާޝަލް އައިލެންޑްސް -- ފޮޓޯ: ގެޓީ

މަޖޫރޯ (އޮކްޓޯބަރު 30): މާޝަލް އައިލެންޑްސްއިން ފުރަތަމަ ފަހަރަށް ކޮވިޑް ބަލީގެ ކޭސްތައް ފެނިއްޖެ އެވެ.

މާޝަލް އައިލެންޑްސްއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ އެގައުމުގެ އަތޮޅެއްގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ތިބި ދެ މީހެކެވެ. އެ ދެ މީހުންނަކީ ހަވާއީއިން އެ އަތޮޅަށް ދިޔަ މީހުން ކަމަށާއި އެ މީހުން ތިބީ މަރުކަޒުގައި ކަރަންޓީނު ކޮށްފައި ކަމަށް އެގައުމުން އެންގި އެވެ.

މާޝަލް އައިލެންޑްސްގެ ނެޝަނަލް ޑިޒާސްޓާ ކޮމިޓީއިން ބުނި ގޮތުގައި އެ ދެ ކޭސްގެ ސަބަބުން މުޖުތަމައުގައި ބަލި ފެތުރުމުގެ ބިރެއް ނެތެވެ. އަދި އެ ކޭސްތަކުގެ ސަބަބުން ފުރަބަންދަކަށް ނުދާނެ ކަމަށާއި ސްކޫލުތަކާއި ވިޔަފާރިތަައް ބަންދު ނުކުރާނެ ކަމަށް ބުންޏެވެ.

މާޝަލް އައިލެންޑްސްއިން މިދިޔަ މާޗް މަހު އެގައުމުގެ ބޯޑަރުތައް ބަންދު ކުރި ނަމަވެސް ޖޫން މަހު އެމެރިކާގެ އަސްކަރީ މަރުކަޒުގައި މަސައްކަތް ކުރާ މީހުންނަށް ބޯޑަރުތައް ހުޅުވާލި އެވެ.

މުޅި ދުނިޔެއިންވެސް ކޮވިޑް އެންމެ ކުޑަކޮށް ފެތުރިފައި ވަނީ ޕެސިފިކް ކަނޑުގެ ގައުމުތަކުގަ އެވެ. ނަމަވެސް ބޭރު ގައުމުތަކާ ގުޅުން ކެނޑުމުގެ ސަބަބުން އެގައުމުތަކުގެ އިގުތިސާދުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

comment ކޮމެންޓް