98 ކިލޯ ޑްރަގް: ދޫކޮށްލި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މި މަހުގެ 27 ވަނަ ދުވަހު ހައިކޯޓުން އަމުރުކުރީ ސ.ހިތަދޫ/ މަންދޫބުގެ ރުޝާން
އަހްމަދުދީދީއެވެ.

އޭނާއަކީ ސ.ހިތަދޫ/ ފިނިފަރު އަބްދުالله އިބްރާހީމް (އަބުޗާ) އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހެކެވެ.

ޖުމްލަ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އެ އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އަށް މީހަކު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ ދޫކޮށްލި މީހުންގެ ތެރޭގައި އެމައްސަލާގައި ޝަރީއަތް ނިމެންދެން ބަންދަށް ޖެހި މީހުން ވެސް ހިމެނޭ ކަމަށެވެ.

ރުޝާން އަހްމަދުދީދީ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ އެވަގުތު ދޫކޮށްލައިފިނަމަ މައްސަލައިގައި ލިބެން ހުރި ހެކި ގަރީނާ އަށް ނުފޫޒު ފޯރުވާފާނެކަމަށް ނުވަތަ ނައްތާލަ ފާނެ ކަމަށް އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެކަމަށް ބެލެވޭކަމަށް ކަނޑައެޅުމާއި އެކު އޮކްޓޫބަރު ހަތަރަކުން ފެށިގެން އޮކްޓޫބަރު ނުވަ ވަނަ ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައިވާތީ، އަދި އެ މައްސަލައަކީ ޖިނާއީ އިޖުރާއަތު ގާނޫނުގައި ބުނާފަދަ ޖިނާއީ ބޮޑު މައްސަލައަކަށްވާތީ އާއި އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ބުރޫ އަރާފާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ކަނޑައަޅައި، 19 އޮކްޓޫބަރުގެ ނިޔަލަށް ބަންދުގެ މުއްދަތު އިތުރުކޮށްދިނެވެ.

ނަމަވެސް ތިން ވަނަ ފަހަރަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުން، ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.
ރުޝާން އަހްމަދުދީދީ ބަންދުން ދޫކުރި ސަބަބެއްގެ ގޮތުގައި
ބުނެފައި ވަނީ އޭނާއާއި މައްސަލައާއި ގުޅުން ހުރި އެއްވެސް ހެއްކެއް ގަރީނާއެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވުމެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އިސްތިއުނާފު މައްސަލް ނިންމައި ހައިކޯޓުން ކުރި ހުކުމްގައި ރުޝާން އަހްމަދުދީދީ ބަންދުން ދޫކޮށްލަންޖެހުނީ މައްސަލައާއި ރުޝާން އަހްމަދުދީދީ އާއި ގުޅުން ހުރި އެއްވެސް ހެއްކެއް ގަރީނާއެއް ނެތުމުން ކަމަށް ބުނެފައިވާއިރު، އޭގެ ކުރިން ހަމަ އެ ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުގައި މައްސަލައާއި ގުޅިގެން ރުޝާން އަހްމަދުދީދީގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ލިބިފައި އޮތްކަމަށް ކަނޑައަޅާފައި ވާކަން ފާހަގަކޮށްފައިވެއެވެ.

އަދި ތަހުގީގުގެ މި މަރުހަލާގައި ހެކި ގަރީނާ ހުށަހަޅަންޖެހޭނީ ކުށް ކުރިކަން ސާބިތުވާ ދަރަޖައަށް ނޫން ކަމަށާއި ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރަށް ކަމަށް ވެސް ހުކުމްގައިވެއެވެ.

"މި މައްސަލައިގައި ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކި ގަރީނާތަކަށް މި ކޯޓުން ބެލިއިރު، ރުޝާން އަހްމަދުދީދީގެ މައްޗަށް މި މައްސަލައިގައި ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެއެވެ." ހައިކޯޓުން ބުނެފައިވެއެވެ.

އަދި ރުޝާން އަހްމަދުދީދީގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މުޖުތަމައަށް
ނުރައްކާތެރިކަން ބޮޑު ކުށުގެ އަމަލެއްކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

ރުޝާން އަހްމަދުދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި، ޒާތަށާއި، މައްސަލައިގެ ވަށައިގެން ހުރި އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު އަދި މައްސަލައިގައި ރުޝާން އަހްމަދުދީދީގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އޭނާގެ މައްޗަށް ކުރެވޭ
ތުހުމަތު އެ ގޮތުގައި އޮއްވާ އޭނާ ބަންދުން ދޫވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަން އެނގޭ ކަމަށް ވެސް ހުކުމްގައިވެއެވެ.

އެހެންކަމުން ރުޝާން އަހްމަދުދީދީ ބަންދުން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެނެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ކަމަށް ހުކުމްގައިވެއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށް، ރުޝާން އަހްމަދުދީދީ 27 އޮކްޓޫބަރުގެ 11:25 އިން ފެށިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް 33 (އަބުޗާ) އާއި ސ. ހިތަދޫ/ކޯޅި، މުހައްމަދު ޔާމީން ނަސީރު 23، ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު 25، ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް 24 އަދި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާހު 27 ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެއްޗަކީ ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް