ހަސަން ލަތީފު ހުށައެޅި އިސްލާހުން ކުޅިވަރުތައް ސަސްޕެންޑް ކުރާނެ: މަހްލޫފް

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ކ) ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް (ވ) --- ސަންފޮޓޯ

ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރު އެކުލަވާލި ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށައަޅާފައިވާ ބައެއް އިސްލާހުތަކަކީ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ވާނޭ އިސްލާހުތަކެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގެ ޤާނޫނުގައި ފުރިހަމަ ނޫން ގިނަ ކަންތައްތަކެއް ހުރި ކަމުގެ ޝަކުވާތައް ފުނި ޖެހިފައި އޮންނަތާ ދުވަސްތަކެއް ފަހުން ގިނަ އިސްލާހުތަކެއް މެންބަރު ހަސަން ލަތީފް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނޭކަމަށް ހަސަލް ލަތީފު ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާނޫނަށް އެފަދަ އިސްލާހުތަކެއް ގެނެސްފި ނަމަ އޭގެ ސަބަބުން ރާއްޖޭގެ ކުޅިވަރުތައް ބައިނަލް އަގުވާމީ ފެޑެރޭޝަނުން އަދަބު ލިބޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް. އެސޯސިއޭޝަނުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް. ދިވެހި ރާއްޖޭގެ ގާނޫނު [ގާނޫނު މިހާރު އޮތީ] އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދާ އެއްގޮތަށް. ހަސަން ލަތީފުގެ ބައެއް އިސްލާހުތަކުން ދިވެހި ރާއްޖޭ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ." މިނިސްޓަރު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މަހްލޫފް މިހެން ވިދާޅުވި އިރު، ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

އެއާ އެކު ކުޅިވަރާ ބެހޭ ވަޒީރުގެ ބާރު ހަނިވެގެންދާ ފަދަ އިސްލާހުތަކަށް ވެސް ބިލުގައި ހުރި އިރު، ކުޅިވަރުގެ ހާލަތު މިހާރު އޮތް ގޮތުން ކަންބޮޑުވާކަމަށް ވިދާޅުވެ ހަސަން ލަތީފް މިފަހުން ދެއްކެވި ވާހަކަތަކުގައި ވިދާޅުވީ، ރާއްޖޭގައި ކުޅިވަރުގެ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އޭގެ ފަހުގައި ހަސަން ލަތީފް މިސާލު ޖެއްސެވީ 1980ގެ އަހަރުތަކުގައި ހިނގި ކަމަށް ވިދާޅުވާ ބައެއް ކަންކަމަށެވެ. އަދި އެކަންކަން މިއަދު ރާއްޖޭގައި ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް އޭރު ވިދާޅުވީ، މި ސަރުކާރުގައި މިވޭތުވީ ދެ އަހަރު ދުވަހުވެސް ކުޅިވަރު ސިޔާސީ ނުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންގިލާބީ ބަދަލެއް ގެންނަވާފައި ކަމަށެވެ.

"ކުރިއާ އަޅާ ބަލާފަ ހުރިހާ ކުޅިވަރަކުން ވެސް އެތައް ކުރިއެރުމެއް، އެތައް ކާމިޔާބީއެއް ހޯދާފައިވާކަން ކުޅިވަރު އެސޯސިއޭޝަންތަކުން އަދި ކުޅިވަރު އެތުލީޓުން ބަލައިގަންނާނެ ކަން ކަށަވަރު." މަހްލޫފްގެ ޓްވީޓުގައި ވިދާޅުވި އެވެ.

comment ކޮމެންޓް