އީއައިއޭ ނުހަދާ މަސައްކަތް ފެށުމުން ދެ ލައްކަ ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި

ނަޑެއްލާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމަކާ ނުލައި ގދ.ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެނަކަ ޖޫރިމަނާކުރީ އިއްޔެ ކަމަށެވެ.

އަދި ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއުގައި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދާ ހިލާފަށް، މަސައްކަތް ފެށުމުގެ ކުރިން އީޕީއޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސައްކަތް ފަށާފައިވާކަން، އެކުންފުނީގެ ފަރާތުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން، ފެނަކަ ކުންފުނި ޖުމްލަ 263,750 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ އީޕީއޭ އަށް ދައްކަން އަންގާފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ މިއީ 'ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ ހިލާފުވެގެން ފެނަކަ ޖޫރިމަނާކުރި ހަ ވަނަ ފަހަރު ކަމަށެވެ.

comment ކޮމެންޓް