ކައިވެންޏަށް އިންކާރުކުރުމުން ޓީވީ ތަރި މާލްވީ އަށް ވަޅިން ހަމަލާދީފި

މާލްވީ މަލްހަތްރާ--

ކައިވެންޏަށް ނޫނެކޭ ބުނެ އެ ކައިވެންޏަށް އިންކާރުކުރުމުގެ ސަބަބުން ޓީވީ ބަތަލާ މާލްވީ މަލްހަތްރާ، 29، އަށް ވަޅިން ހަމަލާދީފި އެވެ.

ޚަބަރުތައް ބުނާގޮތުގައި މާލްވީ އަށް ވަޅިން ހަމަލާދިނީ އޭނާ ގާތު ކައިވެންޏަށް އެހި ފިރިހެން މީހާ އެވެ. މާލްވީ ގާތު ކައިވެންޏަށް އެހީ ޕްރޮޑިއުސަރު ޔޯގޭޝް މަހިޕާލް ސިންހް އެވެ. މާލްވީ އަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ޚަބަރުތައް ބުނެ އެވެ.

ފުލުހުންނަށް ދިން ބަޔާނުގައި މާލްވީ ބުނީ މަހިޕާލް އާއި އޭނާ އާ ބައްދަލުވީ މިދިޔަ އަހަރު ފޭސްބުކުން ކަމަށާއި ފޭސްބުކް މެދުވެރިކޮށް ދެމީހުން ޗެޓު ކުރި ކަމަށެވެ. އަދި ދެތިން ފަހަރު ކޮފީ ޝޮޕަކަށް ގޮސް ބައްދަލުކުރި ކަމަށާއި އޭރުން ފެށިގެން މަހިޕާލް އޭނާގާތު ކައިވެނިކުރުމަށް އެހުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ. އޭނާގެ އުނދަގޫ މާބޮޑުވުމުގެ ސަބަބުން ވާހަކަ ދެއްކުން ހުއްޓާލި ނަމަވެސް ދާ ކޮންމެ ތަނަކަށް ފަހަތުން މަހިޕާލް އަންނަ ކަމަށާއި މިދިޔަ އާދިއްތަ ދުވަހު ފޮޓޯޝޫޓެއް ނިންމާ އެނބުރި މުމްބާއީ އަށް އައިރު އޭނާ ދިރިއުޅޭ ގޭ ދޮރު މަތީ މަހިޕާލް ހުރިކަމަށް މާލްވީ ބުންޏެވެ. ނަމަވެސް އަޅާނުލާ ގެއަށް ވަތް ކަމަށެވެ.

މާލްވީ ބުނީ އޭގެ އަނެއް ދުވަހު ގެއަށް ދަނިކޮށް މަހިޕާލްގެ ކާރުގައި އައި އޭނާ ކުރިމައްޗަށް ހުއްޓި ކަމަށާއި އަދި އޭނާ އާއި ވާހަކަ ދައްކަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެ ވާހަކަތައް މެދުކަނޑާލުމަށް ފަހު އަޅާނުލައި ހިނގައިގަތް ތަނާ ޖީބުން ވަޅިއެއް ނަގާ ތިން ފަހަރަށް އޭނާ ގަޔަށް ހަަމަލާ ދިން ކަމަށެވެ.

ފުލުހުން ވަނީ މިހާރު މަހިޕާލްގެ މައްޗަށް ގަސްތުގައި މީހެއް މަރާލަން އުޅުމުގެ ދައުވާ އުފުލާފަ އެވެ.

ބަތަލާޓީވީ މާލްވީ އާންމުންގެ މެދުގައި މަޝްހޫރުވެގެންދިޔައީ ސިލްސިލާ "އުޅާން" އިންނެވެ.

comment ކޮމެންޓް