ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރަން މަދަނީ ޖަމިއްޔާތަކުން ގޮވާލައިފި

މީގެ ކުރިން މަދަނީ ޖަމިއްޔާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---

ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާތީ، އެގައުމުގެ އުފެއްދުންތައް ބޮއިކަޓްކުރަން ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

ތިރީސް ހަތަރު ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ ޒަމާނުއްސުރެވެސް އިސްލާމްދީނުގެ އަދާވާތްތެރީން މާތް ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ތޯހިރު ޝަހުސިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުން ގެންދާ ކަމަށެވެ. އަދި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު ވެސް ކުރަމުން އަންނަ ފިޑި ހުތުރު ޢަމަލެއްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަމަ މިއަދު ވެސް އެކަން ހިނގަމުންދަނީ އެގޮތަށް ކަމަށް ވަނީ ބުނެފަ އެވެ.

އިސްލާމްދީނަށް ފުރައްސާރަކުރާތީ އެކަން ކުށްވެރިކޮށް ޖަމިއްޔާތަކުން ބަޔާނެއް ނެރުނުއިރު ފްރާންސްގެ ޓީޗަރަކު ދަރިވަރުންނަށް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކާޓޫނެއް ކުރެހި މައްސަލަ ވަނީ ހޫނުވެފަ އެެވެ. އެ ޓީޗަރު މަރާލައިފައިވާއިރު އޭނާއަށް ފްރާންސުން ވަނީ އެގައުމުގައި ދޭ އެންމެ މަތީ ޝަރަފް ދީފަ އެވެ. އަދި ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ވަނީ ޓީޗަރުގެ ދިފާއުގަިއ ނިކުމެފަ އެވެ.

މަދަނީ ޖަމިއްޔާތަކުގެ ބަޔާނުގައި ބުނީ ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ އަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހޭ ކަމަށެވެ.

"އެގައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެގައުމުން އެ އަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގަ އެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ،" ޖަމިއްޔާތަކުގެ ބަޔާނުގައިވެ އެވެ.

ރަސޫލާއަށް ކަޓޫނު ކުރަހައި އިސްލާމްދީނަށް ފުރައްސާރަކުރާތީ އެކަން ރާއްޖޭގެ ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

comment ކޮމެންޓް