އުކުޅަހުގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފި

އއ. އުކުޅަހުގައި ހުޅުވި ބީއެމްއެލް ސެލްފް ސާވިސް ބޭންކިން ސެންޓަރު-- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން އއ. އުކުޅަހުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މި ހިދުމަތާއެކު އއ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެ އެވެ. އަދި ބީއެމްއެލްއިން އަންނަނީ ރަސްދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ސައުވީސް ގަޑިއިރު ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމްއެއް ވަނީ ބަހައްޓާފަ އެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް މެދުކެނޑުމެއްނެތި އެ ބޭންކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.

comment ކޮމެންޓް