މަސްދޯނި ހައިޖެކް ކުރި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ފުލުހެއް ޔުނީފޯމުގައި:

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން އެރި މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްދޯންޏަށް ތޫނު އެއްޗެއްސާ އެކު އެރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ރެއިން ފެށިގެން މިއަދު މެންދުރާ ހަމައަސް ހަތް ދިވެހި ފިރިހެނުން ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެެވެ.

އެ މައްސަލާގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ،

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ލޯންޗެއްގައި ބަޔަކު އެ މަސްދޯންޏަށް ދިޔައިރު އެމީހުން ގެންދިޔަ ތޫނު އެއްޗެހި މަސްދޯނީގައި ހުއްޓެވެ. ފުލުހުން ވަނީ އެ ތަކެތި އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް