ސްވިޒަލެންޑުގެ ރައްކާތެރި ލިސްޓުގައިވެސް ރާއްޖެ ހިމަނައިފި

ސްވިޒަލެންޑުގެ އެޑެލްވައިސް އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ

ސްވިޒަލެންޑުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށްފަހު ކަރަންޓީނުވާން ނުޖެހޭގޮތަށް އެގައުމުގެ "ރައްކާތެރި ލިސްޓު"ގައި ރާއްޖެ ހިމަނައިފިއެވެ.

ސްވިޒަލެންޑުން ވަނީ "ރިސްކު ކަންޓްރީސް" ގެ ލިސްޓުން ރާއްޖެ އުނިކޮށްފައެވެ. މިއާއެކު ރާއްޖެއައިސް އެނބުރި ސްވިޒަލެންޑަށް ދިޔުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާކަމަށް ނުޖެހޭނެއެވެ.

ރާއްޖެ އަށް މިހާރު ދަތުރުކުރާ އެއާލައިނުތަކުގެ ތެރޭގައި ސްވިޒަލެންޑުގެ އެޑެލްވައިސް ހިމެނެއެވެ.

ސްވިޒަލެންޑަކީ ފަތުރުވެރިކަމުގެ ރާއްޖޭގެ މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު 13 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ސްވިޒަލެންޑެވެ.

ސްވިޒަލެންޑުގެ އިތުރުން އިނގިރޭސިވިލާތާއި ގަތަރުންވެސް ވަނީ އެ ގައުމުތަކުގެ ރައްކާތެރި ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ.

ރާއްޖެއިން ކޮވިޑު 19 ގެ ކޭސްތައް ފެންނަ މިންވަރު މިހާރު ވަނީ އެވްރެޖުގޮތެއްގައި އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މާޗު 27ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. އޭގެ ފަހުން 31،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ނުވާ ކޮވިޑް ނެގެޓިވް ޕީސީއާރު ޓެސްޓ ނަތީޖާ ބޭނުންވާއިރު ފަތުރުވެރިންނަށް ރިސޯޓު، ގެސްޓުހައުސް އަދި ސަފާރީތަކުގައި ސްޕްލިޓް ސްޓޭ ކުރުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ.

comment ކޮމެންޓް