ރާއްޖެ އިޝްތިހާރުކުރަން ސްކައި ސްކޭނާއާއެކު ކެމްޕެއިނެއް

ރާއްޖެ އައި ފްލައިޓަކުން ފަތުރުވެރިން ފައިބަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ސްކައި ސްކޭނާ އާއެކު ކެމްޕެއިނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ތިން މަސްދުވަހަށް ކުރިއަށްގެންދާ މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އަދި މިހާރުވެސް ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާ، އިޓަލީ އަދި އިނގިރޭސިވިލާތަށް ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ސްކައި ސްކޭނާ އާއެކު ކުރިއަށްގެންދާ ކެމްޕެއިނުގެ މަގުސަދަކީ ޗުއްޓީ ހޭދަކުރުމަށް އާ މަންޒިލެއް ހޯދާ ފަރާތްތަކަށް އަދި ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް، ރާއްޖެއަކީ މިވަގުތުވެސް ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރުުން ކަމަށެވެ.

އަދި ރާއްޖެއަކީ ގުދުރަތޯގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އޮންނަ ޖަޒީރާ ގައުމަކަށްވުމުން ޗުއްޓީއަށް އަންނަ ފަރާތްތަކަށް ތޮއްޖެހުން ކުޑަ، ރައްކާތެރި އަދި ހިތްހަމަ ޖެހޭ މާހައުލެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ރާއްޖެއިން ލިބޭނެކަން މި ކެމްޕެއިނުގެ ތެރޭގައި ކިޔައިދޭނެއެވެ،

މި ކެމްޕެއިނުގެ މެސެޖު ރަޝިއާ އިޓަލީ އަދި އިނގިރޭސިވިލާތުގެ 50 މިލިއަން މީހުންނަށް ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެމްއެމްޕީއާރުސީ އިން ބުނީ ކުރިއަށް އޮތްތަނުގައި މި ތިން މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ރައްކާތެރިމަންޒިލުތަކުގެ ލިސްޓުގައި މިދިޔަ ހަފްތާ ރާއްޖެ ހިމެނުމާއެކު ސްކައި ސްކޭނާ މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގެ މައުލޫމާތު ހޯދި މިންވަރު 282 ޕަސެންޓް އިތުރުވެފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މި ކެމްޕެއިނުގެ ދަށުން ކެމްޕެއިން އަމާޒުކޮށްފައިވާ ތިން ގައުމުގެ ބަހުން ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަނަށް ހާއްސަ ޕޭޖެއް ސްކައި ސްކޭނާ ޕްލެޓްފޯމުގައި ގާއިމްކުރާނެ ކަމަށާއި މި ޕޭޖުގައި ތރާއްޖެ އަންނަ ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭނެ ކަންތައްތަކުގެ މައުލޫމާތާއި ރާއްޖެ އާއި ގުޅޭ އެހެން މައުލޫމާތު ހިމަނާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އެމްއެމްޕީއާރުސީ އިން ބުނީ ސްކައިސްކޭނާ ވެބްސައިޓަށް ވަންނަ މީހުން އެންމެ ގިނައިން ޒިޔާރަތްކުރާ ޕޭޖުތަކުގެ ލޮކޭޝަންތަކުގައި އިނގިރޭސި ބަހުންނާއި ރަޝިއާ އަދި އިޓަލީ ބަހުން ރާއްޖޭގެ އިޝްތިހާރު ހިމަނާނެ ކަމަށެވެ. އަދި ފްލައިޓުަތއް ހޯދަން ސާޗުކުރާ މައި ސޮފްހާގައި ވެސް ރާއްޖޭގެ އިޝްތިހާރު ހިމަނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން "ރީޑިސްކަވާ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ރާއްޖެ އިޝްތިހާރު ކުރުުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިހާރުވެސް އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕުގައި ދަނީ ކެމްޕެއިނުތައް ހިންގަމުންނެވެ.

comment ކޮމެންޓް