ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ގާއިމުކުރަން ފިންލޭންޑު ކުންފުންޏަކާ އެކު އެއްބަސްވެއްޖެ

ޕޭމަންޓް ސިސްޓަމް ގާއިމްކުރަން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެމްއޭ

ރާއްޖޭގައި އިންސްޓެންޓް ޕޭމެންޓް ސިސްޓެމް އެއް ގާއިމުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވެއްޖެ އެވެ.

އެމްއެމްއޭއިން ރާއްޖޭގައި އިންސްޓެންޓް ޕޭމެންޓް ސިސްޓަމް އެއް ގާއިމުކުރުމަށްޓަކައި އެއްބަސްވެފައިވަނީ ޓިއޭޓޯއެވްރީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްްއައިއޭ އާއެކުގައެވެ.

އެމްއެމްއޭއިން ބުނެފައިވަނީ އެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް އަކީ ރާއްޖޭގައި ކުރާ މާލީ މުއާމަލާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެ އޮތޯރިޓީއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

އެ ސިސްޓަމްގެ ސަބަބުން މުޅި ރާއްޖެގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އަދި ކޮންމެ ބޭންކެއްގައި އެކައުންޓެއް ހުޅުވި ނަމަވެސް ފަސޭހަކަމާއެކު، ވަގުތުން ވަގުތަަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް އެ ސިސްޓަމްގެ ސަބަބުން ރައްޔިތުންނާ ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެ އޮތޯރިޓީއިން ބުނާގޮތުގައި އެ ޕްރޮޖެކްޓަކީ ގައުމީ ފެންވަރުގައި ހިންގާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ ދަށުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނާގޮތުގައި އެ ސިސްޓަމް ގާއިމުކޮށް އަންނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެއެވެ.

އެ ޕްރޮޖެކްޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެ ޕްރޮޖެކްޓަކީ ރާއްޖޭގެ މާލީ ނިޒާމު ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ހަމައެހެންމެ ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް އެ ޕްރޮޖެކްޓުގައި މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ހާޝިމް އިތުރަށް ވިދާޅުވީ އެކުންފުންޏާއެކު ކުރާ މަސައްކަތްތަކުގެ އެހީގައި ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޓިއޭޓޯއެވްރީއިން ފާހަގަކުރާ ގޮތުގައި އެ ސިސްޓަމް މެދުވެރިކޮށް ދޭ ހިދުމަތްތައް، ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ސިސްޓަމް ފަރުމާކުރާނެ ކަމަށެވެ.

comment ކޮމެންޓް