މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 24 މީހުން

މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނި 24 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހީންނާއި ހަތަރު ބިދޭސީންނެވެ.

އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެއިން 22 މީހުން ޕޮޒިޓިވް ވި އިރު އަތޮޅުތެރެއިން ދެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 11،591 އަށް އަރައިފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 1،409 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖޭގައި ބަލިޖެހި، ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 10،685 އެވެ.

މިވަގުތު 862 މީހަކު ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުންދާއިރު 277 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 52 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު 19 ރަށަކުންނާއި 24 ރިސޯޓެއްގައި އެކްޓިވް ކޭސް އެބަހުރި ކަމަށެވެ. އެގޮތުން 30 ފަތުރުވެރިންނާއި 83 ސްޓާފުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑު ޖެހިގެން 37 މީހަކު ވަނީ ރާއްޖޭގައި މަރުވެފައެވެ.

comment ކޮމެންޓް